12 May 2016, 19:29
ފުލުހުން އެރުމުގެ ކުރިން ފިނިފެންމާ ލޯންޗުކޮޅަށް ސިފައިން އެރި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ކުރީގެ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހެއްގެ މައްޗަށް ކުރާ ދައުވާގައި 10 މީހެއްގެ ހެކިބަސް ނަގައިފި އެވެ.
ފަޔާޒުގެ އިތުރުން އެ މައްސަލާގައި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައި ވަނީ އެމްއެންޑީއެފްގެ އީއޯޑީ ޑިޕާޓްމަންޓުގެ ހެޑް، ސ. ފޭދޫ ބުލްބުލް، އަހުމަދު ތިހާމް އާއި ސިފައިންގެ މީހެއް ކަމުގައިވާ މާލޭ ދަފްތަރު މޫސާ ޒަމީރުގެ މައްޗަށެވެ.
އެ ދައުވާގައި ވަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ފަޔާޒު އެ ސަރަހައްދަށްގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ ބޭކަލުންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާ ކަމަށެވެ.
ފަޔާޒުގެ އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.
މިއަދު ދިހަ މީހުންގެ ހެކިބަސް ނަގާފައިވާއިރު، އޭގެތެރެއިން އެކަކު ހެކިބަސްދީފައި ވަނީ ސިއްރުންނެވެ.

މިއަދުގެ އަޑުއެހުމަށްފަހު ފަޔާޒު ކޯޓުން ނެރެނީ --- ސަންފޮޓޯ: މުހައްމަދު އަފްރާހު
ހެކިބަސްދިން ގިނަ މީހުން ބުނީ ސިފައިންގެ އުޅަނދުތައް ބަހައްޓާފައި ހުންނަ ފައްތިލައިގައި ފިނިފެންމާ ލޯންޗުކޮޅު އޮއްވައި ސިފައިންގެ އީއޯޑީ ޓީމް އެއަށް އެރުމަށް ސިފައިންނަށް އެންގީ ފަޔާޒު ކަމަށެވެ.
ފަޔާޒުގެ އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އެރި ކަމަށް ވެސް ބައެއް މީހުން ވަނީ ހެކިބަސްދީފައެވެ.
ހެކިބަސްދިން އެކަކު ބުނީ ހެކީގެ ގޮތުގައި ބެލެވިދާނެފަދަ ތަކެތި ކަމުގައިވާ ލަކުޑި ކޮޅުތަކާއި ސްޕޮންޖު ކޮޅުތައް ތިހާމް ލޯންޗުކޮޅުގެ ތެރެއިން ނެގި ކަމަށާއި އޭނާ އެތަކެތި ނެގީ އަންގި ނުލައްވައި ކަމަށެވެ.
ހެކިބަސް ދިން އިތުރު މީހަކު ބުނީ އަންގި ނުލައްވައި ލޯންޗުކޮޅު ތެރޭގެ ތަންތާގައި އަތްލައިގެން އެއްޗެއް ހޯދަން ތިހާމް މަސައްކަތް ކުރި ކަމަށާއި އެވަގުތު އޭނާގެ އަތުގައި އެއްވެސް އެއްޗެއް އޮތް ކަމެއް ނޭނގޭ ކަމަށެވެ.
ލޯންޗުކޮޅުގެ ޕަވާބޯޑު ކައިރީ ފަތިގަނޑެއް ޖައްސައިގެން ތިހާމް ހުރިތަން ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ ލޯންޗުކޮޅަށް އެރީ ތިހާމާއި ޒަމީރު ކަމަށް ހެކިބަސްދިން އިތުރު ސިފައިންގެ މީހަކު ބުންޏެވެ.
ލޯންޗަށް އެރުމަށް އަމުރުކުރީ ކާކުތޯ ދިފާއީ ވަކީލަކު ދެންނެވުމުން އޭނާ ބުނީ އަމުރުކުރާ ލެވެލްގައި އެވަގުތު އެތަނުގައި ތިބީ މޭޖާ ފާތިހު އާއި ފަޔާޒުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ބާކީ ތިބީ ސީން އޮފް ކްރައިމް އެގްޒަމިނޭޝަން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ އާއި އިތުރު މީހެއް ކަމަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔަސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވި އެވެ.
ދެން އޮންނަ އަޑުއެހުމެއްގައި ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ޝަރީއަތަށް ފެންނަ މީހުން ހާޒިރުކޮށް ހެކިބަސް ނެގުން އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.