ރޯދަމަހަށް ބޭނުންވާ ސާމާނުތައް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް އިތުރު ލުއި ތަކަކާއި އެކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި 150،000 ރުފިޔާގެ މުދާ ނެގުމުގެ ފުރުސަތު ލިބޭ އިރު، ފައިސާ ދައްކަންޖެހޭ މުއްދަތުވެސް ވަނީ 30 މަސް ދުވަހަށް އިތުރުކޮށްފަ އެވެ.

މިދިޔަ އަހަރު އެ ޕްރޮމޯޝަންގައި މުދާ ދޫކޮށްފައިވަނީ އެއްލައްކަ ރުފިޔާއާއި ހަމައަށެވެ. އަދި ގަންނަ މުދަލަށް ފައިސާ ދެއްކުމަށް ދީފައި ވަނީވެސް 18 މަސް ދުވަހެވެ.

މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ގޭގައި ހިފައި ގެންގުޅޭ ސާމާނާއި، ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު އަދި ކޮންސްޓްރަކްޝަން ސާމާނުތައް ބައްލަވައިގަނެވޭނެ އެވެ. އެގެ އިތުރުން އިންބޯޑް އަދި އައުޓްބޯޑް އިންޖީނުވެސް ބައްލަވައިގަނެވޭނެ ކަމަށް އެމްއައިބީ އިން ބުނެ އެވެ.

އެމްއައިބީ އިން ބުނީ އެ ބޭންކުގެ ކޮންސިއުމާ ފައިނޭންސިން ހިދުމަތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށްވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ބޭންކުގައި އެކައުންޓެއް ހުޅުވާފައިވުން ލާޒިމު ނޫން ކަމަށެވެ.

"ސަރުކާރުގެ ހުރިހާ ކުންފުނިތަކާއި އޮފީސްތަކުން ވާނީ އެއްބަސްވުމުގައި ސޮއިކޮށްފައި، އަދި އަމިއްލަ ކުންފުނިތައްވެސް ވަރަށް ގިނަ ވާނެ. އެއިން ތަނެއްގައި މަސައްކަތް ކުރާ ހަމަ ކޮންމެ ބޭފުޅަކަށްވެސް ޕްރޮމޯޝަންގައި ބައިވެރިވޭނެ،" އެމްއައިބީގެ ހެޑް އޮފް މާކެޓިންގ މުހައްމަދު ޝަފާއު ހަސަން ވިދާޅުވި އެވެ.

ނަމަވެސް ޕްރޮމޯޝަންގެ ދަށުން މުދާ ދޫކުރުމުގައި އެމީހަކަށް ލިބޭ މުސާރައަށް ބަލާނެ އެވެ. މުސާރައިގެ ގޮތުގައި ބަލާނީ އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި، ފާއިތުވި ހަ މަސް ދުވަހު ލިބުނު މުސާރައިގެ އެވަރެޖް އަދަދެވެ.

އެގޮތުން ކޮންމެ ފަރާތަކަށް ވެސް ނެގޭނީ، ނަގާ މުދަލަށް މަހަކު ދައްކަން ޖެހޭ މިންވަރު އެ ފަރާތެއްގެ މުސާރައިގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ނުވާ ފަދަ މުދަލެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ފޯމު ފުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަކާއި ވަޒީފާ އަދާކުރާ ފަރާތުގެ ސިޓީއަކާއި، ފާއިތުވި ހަ މަސް ދުވަހުގެ މުސާރަ ސްލިޕް އާއި ބޭންކް ސްޓޭޓްމަންޓްގެ އިތުރުން މުދާ ނަގާ ކުންފުނީގެ ކޯޓޭޝަން އަކާއި ގެރެންޓީ ދޭނެ ފަރާތެއްގެ މައުލޫމާތާއި އެކު ހުށަހަޅަން ޖެހެ އެވެ.

ޕްރޮމޯޝަންގެ ދަށުން ކޮންމެ ފޯމަކާ އެކު ގިނަވެގެން ތިން ކޯޓޭޝަން ހުށަހެޅޭ އިރު، ނަގާ މުދަލުގެ ޖުމްލަ އަގު 60،000 ރުފިޔާ އަށް ވުރެ މަތިވާ ނަމަ، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އަގުގެ ފަސް ޕަސެންޓު ދައްކަން ޖެހޭނެ އެވެ. ޖުމްލަ އަގު އެއަށްވުރެ ކުޑަ ނަމަ އެޑްވާންސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ.

މާލޭގެ އިތުރުން، އައްޑޫ ސިޓީ އަދި ގދ.ތިނަދޫ ގައި ވެސް ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.