ދެހާސް ބާރަ ވަނަ އަހަރު ދޭންފެށި ސިވިލް ސާވިސްގެ އިނޮވޭޓިވް އެވޯޑު، "އީޖާދީ އިނާމު"ގެ ނަމަށް ރީބްރޭންޑުކޮށް، އެ އެވޯޑު ދެ ފަރާތަކަށް ދީފި އެވެ.

އިއްޔެ ފެށި ދެވަނަ ސިވިލް ސާވިސް ކޮންފެރެންސް ނިންމުމުގެ ރަސްމިއްޔާތުގައި، ސިވިލް ސާވިސް އީޖާދީ އިނާމު ދީފައިވަނީ ދެ ގިންތިއަކުންނެވެ. އެއީ ބްރޯންޒް އިނާމާއި ސިލްވާ އިނާމެވެ.

އިނާމު ލިބުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ސިލްވާ އިނާމު: ޓެކްނިކަލ، ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) އޮތޯރިޓީ

ސިވިލް ސާވިސް އީޖާދީ އިނާމުގެ ސިލްވާ އިނާމު ލިބިފައިވަނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) އޮތޯރިޓީއަށެވެ. ޓިވެޓް އޮތޯރިޓީއަށް އެވޯޑު ލިބިފައިވަނީ، ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމާ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ދާއިރާއިންނެވެ. އިނާމު ލިބުނު އީޖާދަކީ، ފާމަސިސްޓުން ތަމްރީނު ކުރުމަށް ޓިވެޓް އޮތޯރިޓީއިން އީޖާދުކުރި ނިޒާމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ޓިވެޓް އޮތޯރިޓީން ފެށި، ފާމަސީ އެސިސްޓަންޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް، އެ އޮތޯރިޓީން ހިންގާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި، ނުވަތަ ތިއަރީ ކްލާސްތައް ހިންގާފައި ވަނީ، އޮންލައިން ޕޯޓަލް ކެމްޕަސްއެއް ބޭނުންކޮށްގެންނެވެ.

އަދި ކޯހުގެ ބައިވެރިން، ތިއަރީ ފިލާވަޅުތައް ފުރިހަމަކުރީ ޗެޓް އަދި ވީޑިއޯ ކޮންފެރެންސްގެ އިތުރުން، އަޕްލޯޑު ކުރެވިފައިވާ ވީޑިއޯ ލިންކު ޕްރެޒެންޓޭޝަންތަކެއްގެ ބޭނުން ކޮށްގެންނެވެ.

މީގެ އިތުރުން ކޯހުގެ ޕްރެކްޓިކަލް ބައި ފުރިހަމަ ކޮށްފައިވަނީ، ލައިސެންސްޑް ފާމަސިސްޓެއްގެ ބެލުމުގެ ދަށުން، ފާމަސީއެއްގަ އެވެ.

މި މަޝްރޫއުގެ ދަށުން، ފާމަސިސްޓުންގެ ގޮތުގައި ތަމްރީނުވުމަށްޓަކައި ހުށަހެޅި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ލިބިފައިވާ އިރު، އޭގެ ތެރެއިން ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ވެސް ހަމަޖެހިގެން ގޮސްފައި ވެ އެވެ.

ބްރޯންޒް އިނާމު: ރ. ވާދޫ ކައުންސިލް އިދާރާ

ސިވިލް ސާވިސް އީޖާދީ އިނާމުގެ ބްރޯންޒް އިނާމު މި އަހަރު ލިބިފައި ވަނީ ރ. ވާދޫ ކައުންސިލް އިދާރާއަށެވެ. އެ އިދާރާއަށް އެވޯޑު ލިބިފައި ވަނީ، އައިޓީ ބޭނުންކޮށްގެން އޮފީސް މަސައްކަތް ހަލުއި ކުރުމަށްޓަކައި ވާދޫ ކައުންސިލުން އުފައްދައި، ބޭނުންކުރަމުންދާ، އެ ރަށު ކައުންސިލުގެ ވެބްސައިޓް ޕޯޓަލް އެވެ.

ވާދޫ ކައުންސިލުން 31 ޖަނަވަރީ 2014 ވަނަ ދުވަހު ފެށި މި ވެބްސައިޓުގައި ރައްޔިތުންނަށް ލޮގްއިންތަކެއް ދޫކުރުމަށްފަހު، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާ، ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ، ކައުންސިލުގެ ޚިދުމަތްތަކުގެ މެނުއަލްތަކާ، ކައުންސިލުގެ ނިންމުންތަކުގެ އިތުރުން އެރަށުގެ ރައްޔިތުންގެ ދަރިފަސްކޮޅުގެ މަައުލޫމާތު އެއްކޮށް، އެކުލަވާލި ފެމިލީ ޓްރީތައް ވެސް ވެބްސައިޓު މެދުވެރިކޮށް ވަނީ އާންމު ކޮށްފަ އެވެ.

މި އީޖާދުގެ ސަބަބުން ރައްޔިތުން ކަންކަމުގައި ކައުންސިލަށް ސިޓީ ހިފައިގެން ދިއުމުގެ ބަދަލުގައި، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފޯނު ނުވަތަ ލެޕްޓޮޕް ބޭނުންކޮށްގެން އެކައުންސިލާ މުއާމަލާތް ކުރެވެ އެވެ. އަދި ކައުންސިލުން ތަކެތި ފައިލްކުރުމުގެ ޚަރަދު 30 ޕަސަންޓު ދަށްވި އިރު، ލިޔެކިޔުންތައް އޮޓޮމޭޓުވެ، ރަނގަޅަށް އަރުޝީފު ކުރެވިފައި ވެ އެވެ.