12 May 2016, 18:11
ސިވިލް ސާވިސްގެ އިނާޔަތްތައް ހަމަޖެހިގެން ދާއިރު، އެ ސާވިސްގައި މަސައްކަތް ކުރާ، ދަރިން ތިބޭ އަންހެނުންނަށް އިތުރު އިނާޔަތެއް ހަމަޖައްސާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ފެށި ދެވަނަ ސިވިލް ސާވިސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސް ޑރ ވަހީދު ވިދާޅުވީ، ސިވިލް ސާވިސްގައި އެންމެ ސާބިތުކަމާ އެކު މަސައްކަތް ކުރުމުގައި ދެމިތިބެނީ އަންހެން ބޭފުޅުން ކަމަށާއި، އެހެން ނަމަވެސް އެފަރާތްތަކަށް ބައެއް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.
"އާއިލީ ދިރިއުޅުމުގައި އެމީހުން އުފުލާ ޒިންމާ ވަރަށް ބޮޑު. ވޯކް ބެލެންސް ނުގެނެވޭނެ، މަސައްކަތަށް އައިސް، ގެއާ މެދު ކަންބޮޑުވެ، އެކަމާ އަބަދު ވިސްނަންޏާ. އެހެންކަމުން މަސައްކަތުގައި ތިބޭ އިރު ހިތްހަމަޖެހިގެން މަސައްކަތަށް ލޯބިޖެހިގެން އުޅެވޭނީ އާއިލީ ކަންކަން ހަމަޖެހިފައި އޮތްކަމުގެ ޔަގީންކަން އޮވެގެން،" ރައީސް ޑރ ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ، ސިވިލް ސާވިސްގެ އިނާޔަތްތަކުގެ ވާހަކަ ދައްކާ އިރު، މުވައްޒަފުންގެ ތުއްތު ދަރީންގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.
"ތުއްތުކުދިންނާ، ސްކޫލް އުމުރުފުރައިގެ ކުދިންގެ މަތިން ހަނދުބަފުޅު ބަހައްޓަން ޖެހޭ. އެކުދިންގެ ކަންތަކަށް އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލަންޖެހެނީ އެކުދިންގެ މަންމައިން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ، ސިވިލް ސާވިސްގެ އިނާޔަތްތައް ހަމަޖެހިގެން ދާ އިރު، ތުއްތުކުދިންނާ، ސްކޫލު އުމުރުފުރައިގެ ދަރީން ތިބޭ މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ހަމަޖައްސާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުގެ މަސައްކަތްތައް ރަނގަޅު ކުރެވެން އޮތް ގޮތަކީ ޕަބްލިކް ސެކްޓަރު ނުވަތަ ސިވިލް ސާވިސްގެ މަސައްކަތްތައް ރަނގަޅު ކޮށް، އެ ސެކްޓަރުގެ ޚިދުމަތްތައް ރަނގަޅު ކޮށްގެން ކަމަށެވެ.
"ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ މާހައުލު ފުރިހަމަކުރުމަށްޓަކައި ގަވައިދުތަކާ ޕްރޮސީޖާތައް ފަސޭހަ ކުރުމާ، ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް ފަހިވާނެ ގޮތްތައް ހެދުމަކީ ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މެމްބަރުންގެ ޒިންމާއެއް،" ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވި އެވެ.