10 May 2011, 23:31
ދިމިޝްޤު : ސޫރިޔާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން އުތުރި އަރަމުންދާ ދިޔުމަކީ ސުލްޙަވެރި މުޒާހަރާތަކެއް ނޫންކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ބޭރުގެ ފަރާތްތަކަކާ ގުޅިގެން ހިންގާ ހަތިޔާރުގެ ބަޣާވާތެއް ކަމަށް އެޤައުމުގެ ސަރުކާރުން ބުނަމުން ގެންދާ ވާހަކަތައް އަނެއްކާވެސް ތަކުރާރުކޮށްފި އެވެ.
ނިޔުޔޯކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި، ރައީސް ބައްޝާރުލް އަސަދްގެ މުސްތަޝާރާ ބުޘައިނާ ޝަޢްބާން ވިދާޅުވީ ސޫރިޔާ ސަރުކާރު ވައްޓާލުމަށް ބަޔަކު ހިންގަމުންގެންދާ "ހަތިޔާރުގެ ބަޣާވާތުގެ" އެންމެ ނުރައްކާތެރި މަރްޙަލާ މިހާރު ކަޑައްތު ކުރެވިއްޖެ ކަމަށާއި މިހާރު ކުރިޔަށްދަނީ "ކުޅިގަނޑުގެ އެންމެ ފަހުގެ މަރްޙަލާ" ކަމުގަ އެވެ.
މިދިޔަ އެޕްރީލްމަހުގެ ކުރީކޮޅުން ފެށިގެން ސޫރިޔާގެ ރައްޔިތުން ބައްޝާރުލްއަސަދްގެ ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ ސުލްހަވެރި މުޒާހަރާތަކަކާ ދެކޮޅަށް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބާރުގެ ބޭނުންކުރަމުން ގެންދިޔުމުގެ ސަބަބުން މިހާތަނަށް އެތަށްސަތޭކަ ބަޔަކު މަރުވެ އެތަށްހާސް ބަޔަކު ޒަޚަމްވެފައިވެއެވެ.
ސޫރިޔާގެ ރައްފުށުގެ ހިސާބުތަކުން ފެށުނު މިއުތުރިއެރުން މިހާރުވަނީ ވެރިރަށް ދިމިޝްޤަށާއި އެޤައުމުގެ އެކިކަންކޮޅުތަކަށް ފެތުރިފައެވެ. ޢާންމުންގެ މިއުތުރިއެރުންތަކާ ދެކޮޅަށް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ހެލިކޮޕްޓަރާއި ޓޭންކްފަދަ ބަރުހަތިޔާރުގެ ބޭނުންވެސް ކުރަމުން ގެންދެއެވެ.
ބަރުހަތިޔާރުގެ ބޭނުން ކުރަމުން ގެންދަނީ މުޒާހަރާކުރާ ފަރާތްތަކުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ބަޑީގެ ބޭނުން ކުރަމުންގެންދާތީ ކަމަށް އަސަދްގެ ސަރުކާރުން ބުނެއެވެ. ނަމަވެސް ރައްޔިތުންގެ މިއުތުރިއެރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ބުނަނީ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ބައެއްފަހަރު ހަތިޔާރުގެ ބޭނުން ކުރަމުންގެންދާ ދިޔުމުގެ ފަހަތުގައިވެސްވަނީ ސަރުކާރު ކަމުގައެވެ.
މިއީ ރައްޔިތުންގެ މި މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ނޫންކަން ދެއްކުމަށާއި ބާރުގެ ބޭނުންކުރުމަށް މަގުފަހިކުރުމަށްޓަކައި ސޫރިޔާގެ ޖާސޫސީ އިދާރާއިން ސިއްރިޔާތުގައި މުޒާހަރާތަކުގެ ތެރެއަށް ހަތިޔާރުދީފައި ފޮނުވާ ބަޔަކު ކުރާ ކަމެއްކަމަށްވެސް މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.
ސޫރިޔާ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން ތަކުރާރުވަމުން ދިޔުމުގެ ސަބަބުން ހުޅަނގުގެ ބައެއް ޤައުމުތަކުންނާއި ޔުރަޕްގެ އިއްތިޙާދުގެ ޤައުމުތަކުންވަނީ ސޫރިޔާގެ އިސް ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
ނަމަވެސް މިމައްސަލާގައި ސޫރިޔާ ސަރުކާރާ ދެކޮޅަށް ސްޓޭންޑެއް ނެގުމަށް ހުޅަނގުގެ ޤައުމުތައް އިސްކޮށް ތިބެގެން އދ. ގެ ސަލާމަތީ މަޖިލީހުގައި ކުރި މަސައްކަތްވަނީ އެމަޖިލީހުގެ މެންބަރުންގެ ތާއީދު ނުލިބުމުގެ ސަބަބުން ނާކާމިޔާބުވެފައެވެ. -- އަލްޖަޒީރާ