12 May 2016, 15:56
މިހާތަނަށް ޑެންގޫ ހުމުގެ 542 މައްސަލައެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ހުށަހަޅާފައިވާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.
ޑެންގޫ ސްޓޭކް ހޯލްޑާ މީޓިން ފެށުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޑެންގީ ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، މިއަހަރު ވޭތުވެދިޔަ ފަސްވަރަކަށް މަސްދުވަސް ތެރޭގައި ޑެންގީގެ 542 މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެއިން 179 މައްސަލަ އަދި އަތޮޅުތެރެއިން 363 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެ އެޖެންސީން މައުލޫމާތުދެ އެވެ.
އޮފިޝަލް ވިދާޅުވީ ޑެންގީ ކޮންޓްރޯލް ކުރުމަށް ހަމައެކަނި ހެލްތު މިނިސްޓްރީން ނުވަތަ އެޗްޕީއޭ އިން މަސައްކަތް ކުރިކަމުގައި ވިޔަސް އެ މައްސަލަ ހައްލެއް ނުވާނެ ކަމަށާއި އެކި ޖަމިއްޔާތަކާއި ކުންފުނިތައް އަދި އާންމުންގެ އެހީތެރިކަން އެކަމުގައި ބޭނުންވާނެ ކަމަށެވެ.
އެގޮތުން މިއަދު ކުރިއަށްދާ ބައްދަލުވުމަކީ ވެސް އެފަދަ ފަރާތްތަކާ އެކު ޑެންގީ ކޮންޓްރޯލް ކުރުމަށް ހިންގާނެ ހަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އަވަސް ފިޔަވަޅެއް އެޅުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި މަދުކުރަން ޖެހެއެވެ. އެގޮތުން މަދިރި މަދުކުރުމަށް މާދަމައިން ފެށިގެން ހަތަރު ދުވަސް ވަންދެން ކޮންމެ ދުވަހެއްގެ ފަތިހު މާލެއަށް ފޮގްކުރާނެ ކަމަށް އެ އެޖެންސީން މައުލޫމާތުދެ އެވެ. އަދި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި އެތަންތަން ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި ޑެންގީ މައްސަލަތައް ރިޕޯޓްކޮށްފައިވާ ރަށްރަށުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެޖެންސީން މައުލޫމާތުދެ އެވެ.