12 May 2016, 15:48
ބްރެސިލިއާ (މޭ 12): ހިޔާނާތުގެ މައްސަލައެއްގައި ބްރެޒިލްގެ ރައީސާ، ޑިލްމާ ރޫސެފްގެ މައްޗަށްކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންގޮސް، އޭނާ މަގާމުން ސަސްޕެންޑު ކުރުމަށް ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ނުވަތަ ސެނެޓުން ނިންމައިފި އެވެ.
ރޫސެފްގެ މައްޗަށް ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ބްރެޒިލްގެ ހީނަރުވަމުންދާ ބަޖެޓާ ބެހޭ ގޮތުން އޮޅުވާލުމުގެ ދައުވާ އެވެ.
ރޫސެފް 180 ދުވަހަށް ސަސްޕެންޑު ކުރުމަށް ސެނެޓުން ފާސްކުރީ 55 މެމްބަރުންގެ ވޯޓުންނެވެ. ވިހި ގަޑި އިރަށް ދެމިގެންދިޔަ މަޖިލިސް ބައްދަލުވުމުގައި ރޫސެފް ސަސްޕެންޑު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ.
ބްރެޒިލްގެ ރައީސާ މަގާމުން ސަސްޕެންޑު ކުރުމުން ގައުމު ހިންގުމުގެ ޒިންމާ ނަންގަވާނީ ނައިބު ރައީސް، މިޝެލް ޓެމާ އެވެ.
ރޫސެފް ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ ބަޣާވާތަކުން އޭނާ މަގާމުން ދުރުކުރަން މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)