ސިއްހީ ދާއިރާއަށް ސަރުކާރުން ދޭންޖެހޭ ސަމާލުކަން ނުދޭ ކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ އެންމެ ދަށު ދަރަޖައަށް ވެއްޓި "އައިސީޔޫގައި" ކަމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ހެލްތު އެންޑު ވެލްފެއާ ކޮމެޓީގެ މުގައްރިރު ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ސިއްހީ ދާއިރާގައި ހުރި ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕްރޮމޯޓު ކުރުމަށް ކަމަށެވެ.

"އެކަމަނާ މި ވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެނެސްދެއްވައިފިއޭ. މިހެން ވިދާޅުވާއިރު ސިއްހީ ދާއިރާގެ ހާލަތު މިއޮތީ އެންމެ ދަށު ދަރަޖައިގައި އައިސީޔޫގައި އެޑްމިޓު ކުރެވިފައޭ. އިހަށް ދުވަހަކު ވިދާޅުވެއްޖެ، ވަރަށް ފަހަރުވެރިކަމާއި އެކީ ދަންނަވަމޭ މުޅި ދުނިޔޭގައިވެސް ވެކްސިން 100 ޕަސެންޓު ހަރަދުކުރާ ގައުމަކީ ހަމައެކަނި ދިވެހިރާއްޖެއޭ. ކަނޑައެޅިގެން އިތުރުފުޅެއް ހެލްތު މިނިސްޓަރު އެ ހެއްދެވީ. ބައްލަވާލައްވާ ޑަބްލިއުއެޗްއޯގެ ސައިޓުތަކުން ކިތައް ގައުމުގައިތޯ 100 ޕަސެންޓު ވެކްސިން އެގައުމުތަކުން އަމިއްލަ އަށް ފޯރުކޮށްދެނީ،" ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެސް ރަނގަޅު ކަމެއް ކޮށްދެއްވައިފިނަމަ އެކަން ޕްރޮމޯޓު ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ހެލްތު މިނިސްޓަރަށް ގާނޫނުން ލާޒިމް ކޮށްފައިވާ ވާޖިބުތައް އަދާ ކުރެއްވުމަކީ އެކަމަނާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ދީދީ ވިދާޅުވީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރަމުންދާތަން ފެންނަމުން ނުދާ ކަމަށާއި އެކަމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ދީދީ ވިދާޅުވީ އެމްޑީޕީގެ ހެލްތު އެންޑު ވެލްފެއާ ކޮމެޓީން ސިއްހީ ދާއިރާގައި އިސްލާހު ކުރަންޖެހިފައިވާ ކަންކަން ބެލުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުގެ އިސް ވެރިންނާއެކު ބައްދަލުކުރައްވާނެ ކަމަށާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިސްފަރާތްތަކާއި އެކުވެސް ބައްދަލުވުންތައް ބާއްވާ އެ ހޮސްޕިޓަލުތަކުގައި ހުރި މައްސަލަތައް ބަލައި ދިރާސާ ކުރައްވާނެ ކަމަށެވެ.