ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ދައުލަތުގެ ވަކީލުން މަދުވުމުންނާއި ޕީޖީ އޮފީހުގެ ގޮފިތަށް ނެތުމުން ދަތިތަކާއި ކުރިމަތިވާތީ އަތޮޅުތަކުގެ އިސް މެޖިސްޓްރޭޓުންގެ ޝަކުވާ ޕްރޮސެކުއުޓަރު ޖެނެރަލް އާއިޝަތު ބިޝާމްއަށް ހުށަހަޅައިފި އެވެ.

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ފަނޑިޔާރުންގެ މަހާސިންތާގައި ޕީޖީ ބިޝާމް އާއެކު ކުރިއަށް ގެންދިޔަ ޝެޝަންގައި މެޖިސްޓްރޭޓުން ވަނީ ގިނަ ޝަކުވާތަކެއް ހުށަހަޚުއްވާފަ އެވެ. އޭގެތެރެއިންވެސް އެންމެ ގިނަ ބޭފުޅުން ޝަކުވާ ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ވަކީލުންގެ ދަތިކަމާއި ގުޅިގެން މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިވެ ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް މެޖިސްޓްރޭޓުން ވަނީ ވިދާޅުވެފަ އެވެ.

މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން ލ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު ވިދާޅުވީ މައްސަލަތައް ކުރިއަށްދާއިރު ޕީޖީ ވަކީލުންގެ ދަތިތައް ކުރިމަތިވާ ކަމަށާއި އެހެންވެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ރަށްރަށުގައި ކުރިއަށްދާ މައްސަލަތަކަށް ޕީޖީގެ ވަކީލުން ކޯޓުތަކަށް ވަޑައިގަންނަވާއިރު ކުރިން އެކަން އަންގާދިނުމަށް ވެސް ޝަރީފު އެދިވަޑައިގެންނެވި އެވެ.

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ފަނޑިޔާރުންގެ މަހާސިންތާގައި އަތޮޅުތަކުގެ އިސް މެޖިސްޓްރޭޓުން -- ސަން ފޮޓޯ -- މުހައްމަދު އަފްރާހް

" ޖުޑިޝަރީގެ މައިގަނޑު މަގުސަދަކީ ވީހާވެސް އަވަސް މިނެއްގައި މައްސަލަތައް ނިންމުމުގެ މިސްރާބު. ޕީޖީގެ ވަކީލުން އެކަށީގެންވާ ވަރަށް އަތޮޅުތަކުގައި ނެތީމަ އަޅުގަނޑުމެންގެ މަސައްކަތުގެ ސުޕީޑް ދައްވާތީ އަޅުގަނޑު ހުށަހަޅަން އެންމެ މަދުވެގެން ޕީޖީގެ ދެ ވަކީލުން ތިއްބަވާގޮތަށް ހަމަޖައްސައި ދިނުމަށް. އަދި އެއަތޮޅެއްގައި ހިނގާ މައްސަލަތައް ވީހާވެސް އަވަހަށް ކޯޓުތަކަށް ހުށަހެޅޭނެގޮތެއް ހަމަޖައްސަައިދިނުމަށް އެދެން " ލ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވިދާޅުވި އެވެ.

ރ. އަތޮޅުގައި ޕީޖީ އޮފީހުގެ ގޮތްޕެއް ހުޅުވާނެ ކަމުގެ ވާހަކަތަކެއް މީގެ ތިންމަސް ކުރިން ޕީޖީ ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވިކަން ފާހަގަކުރައްވާ ރ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓޭޓް ވަނީ " އަތޮޅު ތެރޭގައި ޕީޖީ އޮފީހުގެ ގޮފިތަށް ގާއިމް ކުރުމަށް ކިހާވަރެއްގެ އިސްކަމެއް ދެއްވަންތޯ؟" އައްސަވާފަ އެވެ.

ރ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވިދާޅުވީ ދައުވާ އުފުލާފައިވާ ބައެއް ފަރާތްތަކީ އާމްދަނީ ހޯދުމުގެ ގޮތުން ރަށުން ބޭރުގައި ވަޒީފާއަދާކުރައްވާ ފަރާތްތައްކަމަށާއި ސިޓީ ފޮނުވައިގެން ވަކި ދުވަހަކަށް އެބޭފުޅުން ކޯޓަށް ހާޒިރުކުރާފަހުން ޝެޑިއުލް ބަދަލުކުރަން ވަކީލުން އެދިގެން ބަދަލުކުރަން ޖެހުމަކީވެސް ދިމާވާ ދަތިތަކެއް ކަމަށެވެ. އއ އަތޮޅާއި ކ އަތޮޅު ނޫން ހުރިހާ އަތޮޅަކުންވެސް ވަނީ ވަކީލުން މަދުވުން ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ފަނޑިޔާރުންގެ މަހާސިންތާގައި އަތޮޅުތަކުގެ އިސް މެޖިސްޓްރޭޓުން -- ސަން ފޮޓޯ -- މުހައްމަދު އަފްރާހް

މެޖިސްޓްރޭޓުންގެ ޝަކުވާތަކާއި ގުޅިގެން ޕީޖީ ބިޝާމް ވިދާޅުވީ ކޮންމެ އަތޮޅެއްގައިވެސް ޕީޖީ އޮފީހުގެ ދޭއް ނުވަތަ ތިން ވަކީލުން ބެހެއްޓުމުގެ ވިސްނުން އެބަހުރި ކަމަށެވެ. މިހާރުވެސް ހަތް އަތޮޅެއްގައި ޕީޖީ އޮފީހުގެ ގޮފިތައް ގާއިމްކޮށްފައިވާކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ ގޮފިތައް ގާއިމު ކުރެވިފައިނުވާ އަތޮޅުތަކުގައި ގޮފިތައް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެމަސައްކަތަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ބަޖެޓުގެ ދަތިކަން ކަމަށް ބިޝާމް ވިދާޅުވި އެވެ.

" ވިސްނުން އަޅުގަނޑުގެ ހުރީ އަޅުގަނޑުމެންގެ ގޮތްޕެއްގައި އެންމެ މަދުވެގެން ތިން ވަކީލުން ބޭތިއްބުމުގެ ވިސްނުން. މިހެން ދެންނެވިޔަސްވެސް ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ބަޖެޓުގެ ދަތިކަން އަޅުގަނޑުމެންނަށްވެސް އެބަހުރި. ބަޖެޓުގެ ދަތިކަން ހުރީތީވެ ޑިލޭސްތަކެއްވެސް އެބައާދޭ އަޅުގަނޑުމެން ކުރަން ބޭނުންވާ މަސައްކަތްތައް އެ ބޭނުންވާ ސްޕީޑުގައި ކުރިއަށް ގެންގޮސް ތަންފީޒު ކުރުމަށްޓަކައި" ޕީޖީ ބިޝާމް ވިދާޅުވި އެވެ.

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ފަނޑިޔާރުންގެ މަހާސިންތާގައި ޕީޖީ ބިޝާމް ބައިވެރިވެ ވަޑާއިގަންނަވަނީ -- ސަންފޮޓޯ މުހައްމަދު އަފްރާހް

އަތޮޅުތަކުގައި ޕީޖީގެ ގޮފިތައް ގާއިމް ނުކުރެވޭނަމަ ވަކި ސަރަހައްދުތަކުގައި ޕީޖީ އޮފީހުގެ އެކޮމޮޑޭޝަންތަކެއް ގާއިމްކުރުމުގެ ވިސްނުމެއް އެބަހުރި ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. އެހެންވެއްޖެނަމަ ތިންމަސް ނުވަތަ ހަތަރުމަސްދުވަހު މައްސަލަތަކުގައި ދާ ވަކީލުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ކޯޓުން ޝެޑިއުލްކުރާ މައްސަލަތައް ބަދަލުކުރަން ވަކީލުން އެދުމަކީ ކަންކުރަންޖެހޭނެ ގޮތް ނޫންކަން ފާހަގަކޮށް ބިޝާމް ވިދާޅުވީ މީގެކުރިން އެފަދަމައްސަލައެއް ކުރިމަތިވެފައިނުވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ވާނަމަ އެކަން ހުޓުވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އޭގެއިތުރުންވެސް ގިނަ ކަންބޮޑުވުންތަކެއް ޕީޖީގެ ފަރާތުންވެސް އަދި މެޖިސްޓްރޭޓުންގެ ފަރާތުންވެސް ވަނީ ހިއްސާކުރައްވާފަ އެވެ. އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ މަހާސިންތާ ނިންމުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.