12 May 2016, 14:53
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ އިންޓަ ކޮލެޖް/ޔުނިވާސިޓީ ބާސްކެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
ކުޅިވަރު އެކުވެނި އައުޓްޑޯ ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ހަވީރު އަންހެން ޑިވިޝަނުގެ މެޗެއް ކުޅުނު އިރު، ރޭ ކުރިއަށްދިޔައީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ.
އަންހެން ޑިވިޝަނުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިލާ ކޮލެޖް އަތުން 60-13 ޕޮއިންޓުން ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސީއެޗްއެސްއީއަށް 12 ޕޮއިންޓް ހޯދައިދިން އައިޝަތު ޝައިފާ އާސިފް އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަތުން 32-134 ޕޮއިންޓުން ގައުމީ ޔުނިވާސިޓީ ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގަމާށް ހޮވުނީ ގައުމީ ޔުނިވާސިޓީއަށް 27 ޕޮއިންޓް ހޯދައިދިން އަހުމަދު އަދުހަމެވެ.
އެ މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ މެޗުތައް ވަނީ މާދަމާއަށް ފަސްކޮށްފަ އެވެ. މާދަމާއަށް ފަސްކުރެވުނީ އަންހެން ޑިވިޝަނުގައި އިންސްޓިޓިއުޓް ފޯ ސެކުއިރިޓީ އެންޑް އެންފޯސްމަންޓް ސްޓަޑީސް (އައިއެސްއެލްއީއެސް) އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ބައްދަލުކުރާ މެޗާއި ފިރިހެން ޑިވިޝަނުގައި ވިލާ ކޮލެޖާއި ސީއެޗްއެސްއީ ބައްދަލުކުރި މެޗެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަނުގައި ވެސް ވާދަކުރަނީ ހަތަރު ޓީމެކެވެ. ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ވީއައިއެޗްއެސް އާއި، ގައުމީ ޔުނިވާސިޓީ އާއި، ވިލާ ކޮލެޖް އަދި ސީއެޗްއެސްއީ އެވެ. އަންހެން ޑިވިޝަނުގައި ވާދަކުރަނީ ސީއެޗްއެސްއީ އާއި، ވިލާ ކޮލެޖާއި، އައިއެސްއެލްއީއެސް އަދި ވީއައިއެޗްއެސް އެވެ.
އެ މުބާރާތުގެ ދެ ޑިވިޝަނު ވެސް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ލީގުގެ އެއްވަނަ އަދި ދެވަނައިގައި އޮންނަ ޓީމު ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމެވެ. ސެމީގެ ތިން ވަނަ މެޗުގައި ވާދަކުރާނީ ސެމީގެ ފުރަތަމަ މެޗުން ބަލިވާ ޓީމާއި ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ކުޅޭ ދެ ޑިވިޝަނުގެ ފައިނަލު މެޗުގައި ވާދަކުރާނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއި ސެމީގެ ތިންވަނަ މެޗުން މޮޅުވާ ޓީމެވެ.