ވިލިމާލޭގައި ބިދޭސީންއަށް ކައްކައި ކާން ދިނުމުގެ ހިދުމަތްދެމުން އައި ހަތަރު ތަނަކުން ގަވައިދާއި ހިލާފަށް އުޅޭ 47 ބިދޭސީން އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ ބިދޭސީންއަށް ކެއިންބުއިމުގެ ހިދުމަތްދޭ އެ ހަތަރު ތަނަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ތަންތަން ކަމަށްވާއިރު އެތަންތަނުގައި މަސައްކަތްކުރާ 47 ބިދޭސީންއަކީ ވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކެއް ކަމަށެވެ.

އެ ބިދޭސީން މިހާރު އިމިގުރޭޝަންގެ ބެލުމުގެ ދަށުގައިތިބިއިރު އެމީހުން ރާއްޖެއިން ބޭރަށް ފޮނުވާލާނެ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

އިމިގުރޭޝަންއިން އަންނަނީ އެގޮތަށް ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ތަފާތު އޮޕަރޭޝަންތައް ޖައްސަމުންނެވެ. އެއޮޕަރޭޝަންތަކުން އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ ބިދޭސީން ދަނީ އެމީހުން ގައުމަށް ފޮނުވާލަމުންނެވެ.