އަންނަ ސީޒަނުގައި ޗެލްސީގެ ކޯޗުކަމުގެ މަގާމުން ނުފެނުނު ކަމުގައި ވިޔަސް، އެ ކްލަބުގެ އެހެން މަގާމަކުން ފެނިދާނެ ކަމަށް ކޯޗު ގޫސް ހިޑިންކް ބުނެފި އެވެ.

އަންނަ މަހު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީގެ ގައުމީ ޓީމަށް އިރުޝާދު ދިނުމަށްފަހު، ހިޑިންކްގެ ބަދަލުގައި އަންނަ ސީޒަނުގައި ޗެލްސީއަށް އިރުޝާދުދޭނީ އެންޓޯނިއޯ ކޮންޓޭ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި، އުމުރުން 69 އަހަރުގެ ހިޑިންކްއަށް ޗެލްސީގެ އެޑްވައިސަރީ މަގާމެއް ދިނުމަށް އެ ކްލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ނިންމާފައިވެ އެވެ.

"އަހަރެން އަންނަ ސީޒަނުގައި އެއްވެސް ތަނަކަށް ނުދާނަން. އަހަރެން ބޭނުމީ ކުޅުންތެރިންގެ ހުނަރުތައް ތަރައްގީކުރަން. ކުރިއަށް ދެން ވާނީ ކިހިނެތްކަމެއް ނޭނގޭ،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ހިޑިންކް ބުންޏެވެ.

މި ސީޒަނުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިނުވާތީ، ކުރިން ކޯޗުކަމުގެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯ ދުރުކުރުމަށްފަހު ހިޑިންކް ހަމަޖެއްސި ނަމަވެސް ލީގުގެ ނުވަ ވަނައިން މައްޗަށް އެ ޓީމަށް އެރިފައެއް ނުވެ އެވެ.