ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) މޯލްޑިވްސްއިން ގައުމީ ފެންވަރުގައި ދޭ "ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭސީއައި މޯލްޑިވްސްއިން ބުނާ ގޮތުގައި، އެވޯޑަށް ކުރިމަތިލުމުގެ ފުރުސަރު، ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ އެވެ.

މި އެވޯޑަކީ، ޒުވާނުން އެކި ދާއިރާތަކުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އިތުރުން، ހޯދާފައިވާ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ޝަރަފުވެރި، ބައިނަލްއަގުވާމީ އެވޯޑެކެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ވެސް ޒުވާނުންނަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

މި އެވޯޑު ޖުމްލަ 10 ދާއިރާއަކުން ދެވެ އެވެ. އެއީ ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިންނާއި، ސިޔާސީ ގާނޫނީ އަދި ސަރުކާރުގެ މަސައްކަތުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއާއި، ސަގާފީ ދާއިރާއާއި، އިޖްތިމާއީ އަދި ތިމާވެށީގެ ދާއިރާއާއި، ކުޑަކުދިންނާއި އިންސާނީ ހައްގުތަކާއި ދުނިޔޭގެ ސުލްހައިގެ ދާއިރާއާއި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމާއި ދަރުމައަށް މަސައްކަތް ކުރުމާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއާއި، އަމިއްލަ ކުރިއެރުމާއި ކާމިޔާބީގެ ދާއިރާގެ އިތުރުން ސިއްހަތާއި ބޭސްވެރިކަމުގެ ދާއިރާ އެވެ.

ޖޭސީއައިއިން ބުނީ، މި ދާއިރާތަކުން ކޮންމެވެސް އެއް ދާއިރާއަކުން އެވޯޑަށް ނަން ހުށެހެޅޭނެ ކަމަށާއި އެވޯޑަށް ނަން ހުށަހަޅަންވާނީ 18 އަހަރާ 40 އަހަރާ ދެމެދުގެ ފަރާތްތައް ކަމަށެވެ.

އެވޯޑަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހަޅާން ޖެހެނީ ޝީ ބިލްޑިންގެ ތިންވަނަ ފަންގިފިލާއަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް އެވޯޑަށް ކުރިމަތިލެވޭނެ އެވެ. އިތުރު މައުލޫމާތު، ޖޭސީއައިގެ ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް އެވޯޑުގެވެބްސައިޓުމެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ޖޭސީއައި މޯލްޑިވްސްއިން ކަނޑައަޅާ ޖަޖުންގެ ޕެނަލަކުންނެވެ.

މި އަހަރު ޖޭސީއައި އެވޯޑު ދެނީ، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން ރާއްޖޭގައި ޖޭސީއައި ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް އެވޯޑު ވަނީ ދެ އަހަރަކު ދެވިފަ އެވެ. އެއީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އެވެ.

މި އަހަރުގެ އެވޯޑު އެސްޓީއޯއިން ސްޕޮންސާކޮށްފައިވާ އިރު، އެވޯޑު ހަފްލާ މި އަހަރުގެ ސެޕްޓެމްބަރު މަހު ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖޭސީއައިގެ މި ގައުމީ އެވޯޑު ލިބޭ ފަރާތްތަކަށް ޖޭސީއައިއިން ދޭ ބައިނަލްއަގުވާމީ ޒުވާނުންގެ އެވޯޑަށް ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޖޭސީއައި މޯލްޑިވްސްއަކީ، ޒުވާނުން ބައިނަލްއަގުވާމީ ގޮތުން ހަރަކާތްތެރި ބަޔަކަށް ހަދައި، މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމުގެ މަގުސަދުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

ޖޭސީއައިއަކީ، ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެ އެވެ.