12 May 2016, 12:36
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުމުން އެކަމާ ހިތާމަކުރާ ކަމަށް ލިވަޕޫލްގެ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާ ބުނެފި އެވެ.
ލިވަޕޫލްގެ ކޯޗު ޖާޖަން ކްލޮޕްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 50 ވަނަ މެޗުގައި ޗެލްސީ އަތުން 1-1 ލަނޑުން ވަނީ އެއްވަރުވެފަ އެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޑެން ހަޒާޑް ޗެލްސީއަށް ލީޑު ހޯދައިދިން ނަމަވެސް، ލިވަޕޫލް ސަލާމަތްވީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކްރިސްޓިއަން ބެންޓޭކޭ ޖެހި ލަނޑުންނެވެ.
މިލްނާ ބުނީ، މެޗުގެ ވަކި ހިސާބެއްގައި ލިވަޕޫލުގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެނު ނަމަވެސް ޕޮއިންޓެއް ލިބުނީ ކުޅުންތެރިންގެ ހިތްވަރާއެކު ކަމަށެވެ.
"މެޗުން މޮޅު ނުވެވުމުން އެކަމާ ހިތާމަކުރަން. އަހަރެމެން ބޭނުންވީ މެޗުން މޮޅުވާނެ. ޗެލްސީއަކީ މޮޅު ޓީމެއް. އަދި އަހަރެމެންނަށް އެއަށްވުރެ، ރަނގަޅު ކުޅުމެއް ދެއްކޭނެކަން އެނގޭ. އަހަރެމެންނަށް މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު،" ލިވަޕޫލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ލިވަޕޫލްގެ ޑިފެންޑަރު ކޯލޯ ޓޫރޭ ބުނީ، މެޗުގެ ފުރަތަމަ ހާފަށްފަހު ހިތްހަމަނުޖެހުމުގެ ބަސްތަކެއް ޓީމުގެ ކުޅުންތެރިންނަށް ކޯޗު ކްލޮޕް ރައްދުކުރި ކަމަށެވެ.
"ފުރަތަމަ ހާފުގައި އަހަރެމެންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު. ޓީމެއްގެ ގޮތުގައި ނުކުޅެވުނު. ޓީމެއްގެ ގޮތުގައި ކުޅެވުނު ނަމަ، އަހަރެމެން ބަލިކުރުމަކީ އުނދަގޫކަމެއްކަން އަހަރެމެންނަށް އެނގޭ. ފުރަތަމަ ހާފަށްފަހު އަހަރެމެންނަށް ކޯޗު ވަނީ ހިތްހަމަނުޖެހުމުގެ ބަސްތަކެއް ރައްދުކޮށްފައި. އެކަމުގެ ސަބަބުން މެޗުގެ ކުޅުމަށް ބަދަލު އައީ. އަހަރެމެންނަށް މެޗުގައި ލަނޑު ޖެހުނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގެ އަށް ވަނައިގައި އޮތް ލިވަޕޫލްއިން ލީގުގައި ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނަން ޖެހޭނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ. އެ މެޗަށްފަހު މި މަހުގެ 18 ވަނަ ދުވަހު، ޔޫރޮޕާ ލީގުގެ ފައިނަލުގައި ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ.