12 May 2016, 12:39
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ސ.މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެންވަޔަރަމަންޓު މިނިސްޓްރީގެ ބޭނުމަށް އެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތުހަމަވާ، ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލައި ކަމަށެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާގެ ވިޔުގަ ޤާއިމުކުރުމާއި، ލިފްޓިން ސްޓޭޝަނާއި ޕަމްޕް ސްޓޭޝަންސް އަދި ސީ އައުޓް ފޯލް ގާއިމުކުރުމާއި، ސްވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތެވެ.
އެ މަސައްކަތަށް ކޮންޓްރެކްޓަރަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން، ނެޝަނަލް ޓެންޑާ ބޯޑްގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޯޕް ބިޑިން ޕްރޮސެސްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ބީލަމުގައި ބައިވެރިވުމުގެ ގޮތުން 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. އެ ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ އެ މަޝްރޫއުގެ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 75،000 ޑޮލަރު ނުވަތަ އަދަދާ އެއްވަރެއްގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ފިނޭންސުން ބުނީ އެ މަޝްރޫއުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް ފިނޭންސުގެ އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސުން ބުނީ އެ ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސް ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ކަމަށެވެ. ފިނޭސުން ބުނީ ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށެވެ. އެ ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހާޒިރުވާން ބޭނުންވާ ފަރާތްތަކުގެ ހާޒިރީގައި ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސުން ވަނީ އައްޑޫ ސިޓީގެ ސ. ހުޅުދު އާއި ސ. މީދޫގައި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.