މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައި، އެކަން އިއުލާން ކޮށްފި އެވެ.

އެމްޓީޑީސީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ، މިއަދުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ޖަލްސާގައި އެމްޓީޑީސީގެ މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާ، މާލީ ބަޔާންތައް ފާސްކުރުމުގެ އިތުރުން ޑިރެކްޓަރުންނާއި އޮޑިޓަރުން އައްޔަނު ކުރުން ކުރިޔަށް ދާނެ އެވެ. އަދި މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާ ބެހުމާ މެދު ޑިރެކްޓރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމުން ވެސް ޖަލްސާގައި ކުރިޔަށް ދާނެ އެވެ.

އެމްޓީޑީސީން މިދިޔަ މަހުގެ ތެރޭގައި ނެރުނު އެކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައި ވަނީ 93.7 މިލިޔަން ރުފިޔާ އެވެ. ދެހާސްސާދަ ވަނަ އަހަރު އެ ކުންފުންޏަށް އެންމެ 13.6 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރު ލިބުނު ފައިދާއަކީ އޭގެ ހަ ގުނަ އިތުރު އަދަދެކެވެ.

އެ ކުންފުނީގެ ޗެއާޕާސަން އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ، ހެރެތެރެ އައިލެންޑް ރިސޯޓާ، އުލިގަމު ސިޓީ ހޮޓަލުގެ މަޝްރޫއުއަކީ އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔަ ދެ މަޝްރޫއު ކަމަށާ، އެ ދެ މަޝްރޫއުއަށް ކުރަމުން ދިޔަ ހޭދަ ހުއްޓާލާފައިވާ ކަމަށެވެ. އަދި އާމްދަނީ ނުލިބޭ ބައެއް ރަށްރަށް ދޫކުރެވި، އެތަންތަނަށް ކުރާ ހަރަދުތައް ހިސާބުން އުނިކުރެވި، ދަރަނިތައް ހަލާސް ކުރެވިފައިވާ ކަމަށް އިބްތިޝާމާ ވިދާޅުވި އެވެ.

"ނަތީޖާއެއްގެ ގޮތުން ހިއްސާއަކަށް ޖެހޭ ފައިދާ 0.46 ރުފިޔާއިން 2.78 ރުފިޔާއަށް މި ވަނީ އިތުރުވެފައި،" އިބްތިޝާމާ ވިދާޅުވި އެވެ.

އެމްޓީޑީސީއިން 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިދިޔަ އަހަރު ބާއްވާފައިވާ އިރު، އެ އެ ޖަލްސާގައި އެކުންފުނިން ނިންމާފައި ވަނީ ހިއްސާ ނުބެހުމަށެވެ.