ކ. ހިންމަފުށީގެ ހުޅަނގު އުތުރު ސަރަހައްދުގައި އޮންނަ ބިމުގައި ގެސްޓްހައުސް އެޅުމަށް ނުވަ ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ހިންމަފުށީގެ 21،300 އަކަ ފޫޓުގެ ޓުއަރިޒަމް ޒޯނު އޮންނަނީ އެ ރަށުގެ ހުޅަނގު އުތުރު ސަރަހައްދުގެ ތުނޑި ސަރަހައްދުގަ އެވެ.

ހިންމަފުށި ކައުންސިލާ ހަވާލާދީ ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކުރި އިއުލާނެއްގައި ބުނީ، އެ ރަށު ހުޅަނގު އުތުރު ސަރަހައްދުން 2،000 އަކަ ފޫޓުގެ އަށް ބިމަކާއި 5،000 އަކަފޫޓުގެ ބިމެއްގައި ގެސްޓްހައުސް އެޅުމަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެބިންތައް 30 އަހަރުގެ މުއްތަދަށް ދޫކުރާ އިރު، ބިން ކުއްޔަށް ހިފާ ފަރާތުން އެތަނުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސް އަޅައި އެތަން އޮޕަރޭޓްކުރުމުގެ އިތުރުން ބަލަހައްޓަން ވެސް ޖެހޭނެ ކަމަށެވެ.

އެ ބިންތަކުގައި ގެސްޓްހައުސްތައް އިމާރާތް ކުރުމަށާއި އޮޕަރޭޓު ކުރުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު، ހިންމަފުށި ކައުންސިލުން ދީފައި ވަނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް، ނުވަތަ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި އެ ކުންފުންޏެއްގައި ރާއްޖެ އިން ބޭރުގެ އެއްވެސް ފަރާތެއްގެ ހިއްސާއެއް އޮވެގެން ނުވާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

ހިންމަފުށީ ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 22 މެއި ވަނަ ދުވަހުން ޖުލައި ދެ ވަނަ ދުވަހާ ހަމައަށް، އެ ކައުންސިލުން ބިޑު ޑޮކިއުމެންޓް ވިއްކާނެ ކަމަށާއި އެ ޑޮކިއުމެންޓް ވިއްކަނީ 5،000 ރުފިޔާއަށް ކަމަށެވެ. އަދި ބިޑު ޑޮކިއުމެންޓާއި ފޯމު ގަނެފައިވާ ފަރާތްތަކަށް ޖުލައި އަށް ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ބިޑު ހުށަހަޅާން ޖެހެނީ ޖުލައި 20 ވަނަ ދުވަހު އެވެ.

ހިންމަފުށްޓަކީ ފަތުރުވެރި ސަރަހައްދެއްގައި އޮންނަ ރަށެކެވެ. އެރަށުގެ އުތުރުން ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓާ، ފޯ ސީޒަންސް މޯލްޑިވްސް އެޓް ކުޑަހުރާ ފަދަ ރިސޯޓުތައް ހުންނަ އިރު، ހިންމަފުށީގެ ދެކުނުން، އެއް ފަޅެއްގައި ދެ ރިސޯޓެއް އޮވެ އެވެ. އެއީ ގިލި ލަންކަންފުށި މޯލްޑިވްސްއާ ޕެރެޑައިޒް އައިލެންޑް ރިސޯޓެވެ.