ގުޑްސް އެންޑް ސާވިސް ޓެކްސް ނުވަތަ ޖީއެސްޓީން މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީ 11 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާންމު ޖީއެސްޓީން އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައި ވަނީ 216.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2015 ވަނަ އަހަރު ލިބުނީ 193.8 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 11 ޕަސެންޓްގެ ކުރިއެރުމެކެވެ.

އާންމު ޖީއެސްޓީ 11 ޕަސެންޓް އިތުރުވެފައިވާ އިރު، ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 15 ޕަސެންޓް ދަށްވެފަ އެވެ. ޓޫރިޒަމް ސެކްޓާއިން މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 30.8 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަހަރު އޭޕްރީލް މަހު ލިބުނީ 25.5 މިލިއަން ރުފިޔާ އެވެ.

މީރާގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ބަލައިގެންފައި ވަނީ 887.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާ އިރު 5.6 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދީގެން ނަގާ ޓެކްސް (ޓޫރިޒަމް ލޭންޑް ރެންޓް) ގެ ގޮތުގައި 866309 ރުފިޔާ ލިބުނު އިރު، ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 56.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 3.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 35.9 މިލިއަން ޑޮލަރެވެ.