ކެންބެރާ (މޭ 12): ދެކުނު އެފްރިކާ އާއި މޮރީޝަސް އިން މާޗް 22ގަ އާއި 30ގައި ފެނުނު ފްލައިޓުގެ ބައިތަކަކީ މެލޭޝިއަން އެއާލައިންސް ފްލައިޓް 370ގެ ބައެއްކަން "ގާތްގަނޑަކަށް ކަށަވަރު"ވެފައިވާ ކަމަށް އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ (އޭޓީއެސްބީ)ން ބުނެފި އެވެ.

އެމްއެޗް370 ގެއްލިފައިވަނީ މާޗް 2014ގައި މެލޭޝިއާގެ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންއަށް ދިޔަ މަގުމަތީގަ އެވެ. ބޯޓު ގެއްލުނު ފަހުން، ބޯޓު ހޯދުމަށް ޓަކައި ދެކުނު އިންޑިއާ ކަނޑާއި އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރިފަށުގެ އެތައް ހާސް ކިލޯމީޓަރު ވަނީ ބަލައި ފާސްކޮށްފަ އެވެ.

އޭޓީއެސްބީން މިއަދު އާއްމު ކުރި ރިޕޯޓުގައިވާ ގޮތުން އެފްރިކާގެ ދެ ގައުމުން ފެނުނު ބައިތަކަކީ ޔަގީނުން ވެސް މެލޭޝިއަން އެއާލައިންސް ބޯއިން 777 މަރުކާގެ ބޯޓެއްގެ ބައިތަކެވެ. އަދި އެބޯޓަކީ 9އެމް-އެމްއާރްއޯގެ ގޮތުގައި ރެޖިސްޓާކޮށްފައިވާ ބޯޓުގެ ބައެއް ކަން "ގާތްގަނޑަކަށް ކަށަވަރު"ވެ އެވެ. 9އެމް-އެމްއާރްއޯ އަކީ އެމްއެޗް370ގެ ރެޖިސްޓްރޭޝަން ނަމްބަރެވެ.

އޭޓީއެސްބީން ވަނީ މީގެ ކުރިން ވެސް އެމްއެޗް370ގެ ބައިތައް ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ބައިތަކެއް ހޯދައިފަ އެވެ. ނަމަވެސް، މިހާތަނަށް ފެނިފައިވާ ބައިތަކުގެ ތެރެއިން އެމްއެޗް370ގެ ބައެއް ކަމަށް ކަށަވަރު ކުރެވިފައި ވަނީ މިދިޔަ އަހަރު ރިޔޫނިއަން އައިލެންޑުން ފެނުނު ބައެއް އެކަންޏެވެ. (ސީއެންއެން)