12 May 2016, 10:46
ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމަށް ބަދަލު ކުރައްވާފައިވާ އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އިސްތިއުފާ ދެއްވިކަން އަންގަވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަލީ ހަމީދަށް މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ.
ޖޭއެސްސީއަށް ފޮނުއްވެވި ސިޓީފުޅުގައި އަޒްމިރަލްދާ ވިދާޅުވެފައި ވަނީ ފަނޑިޔާރުކަމުން އޭނާ އިސްތިއުފާ ދެއްވީ "އިސްތިއުފާ ދިނުމަށް އަމަލީ ގޮތުން މަޖުބޫރު ކުރުވާފައިވާތީ" ކަމަށެވެ.
"...މި ގައުމަށް އިހްލާސްތެރިކަމާއެކު ހިދުމަތް ކުރުމަށް އަޅުގަނޑު ދެމިހުންނަން ބޭނުންވި ނަމަވެސް އަޅުގަނޑުގެ ހިދުމަތެއް މި ގައުމަށް މިއަދު ބޭނުންވާ ކަމުގެ އެއްވެސް އުންމީދެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުލިބުނު،" އަޒްމިރަލްދާ ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
އައްޑޫ ސިޓީ ހުޅުދޫމީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް އޭނާ ފޮނުވާފައިވާ މުއްދަތު ސުޕްރީމް ކޯޓާއި ޖޭއެސްސީން ސާފުކޮށް ދެއްވާފައިނުވާ ކަމަށް އަޒްމިރަލްދާ ވިދާޅުވެފައިވެ އެވެ. އަދި އެކަން ސާފުކޮށްދެއްވުމަށް އެދި ސުޕްރީމް ކޯޓާއި ޖޭއެސްސީއަށް ހަތަރު ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް ޖޭއެސްސީއަށް ފޮނުއްވެވި ސިޓީފުޅުގައި އަޒްމިރަލްދާ ވިދާޅުވެފައިވެ އެވެ.
"....ސ. ހުޅުދޫ މީދޫގައި ފަސް މަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރި އިރުވެސް އަދިއަދަށް ދާންދެން ވެސް އަޅުގަނޑު އައްޑޫ އަތޮޅަށް ފޮނުވާފައިވާ މުއްދަތު ސާފުކޮށް ނުދެއްވުމުގެ ސަބަބުން އަޅުގަނޑުގެ ތުއްތު ދެ ކުދިންގެ ކަންކަން އިންތިޒާމު ކުރުމުގައި ދަތިތަކާ ކުރިމަތިވެ، ކަމާ ގުޅޭ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އެ ކުދިންގެ ހައްގުތައް ނިގުޅައިގަނެވި އަޅުގަނޑު އިސްތިއުފާ ދިނުމަށް އަމަލީ ގޮތުން މަޖުބޫރު ކުރުވާފައިވާތީ މިއަދު 12 މެއި 2016ގައި، އަޅުގަނޑު ހައި ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާދީފީމެވެ."
ފަހަކަށް އައިސް ހަދާ ގާނޫނުތަކާއި ގަވާއިދުތަކަކީ ވަކި ވަކި ފަރުދުންނަށް އަމާޒުކޮށްގެން ހަދާ އެއްޗެހިތަކެއް ކަމަށް އަޒްމިރަލްދާ ސިޓީފުޅުގައި ތުހުމަތުކޮށްފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އެފަދަ ގާނޫނުތަކާއި ގަވާއިދުތަގެ ނިވާފަތްގަނޑުގައި އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށެވެ. އެފަދަ ކަންކަމުގައި ފާރަވެރިވުމަށް ލާޒިމްކޮށްފައިވާ ފަރާތްތަކުން ފިޔަވަޅު އެޅުމުން އެކަހެރިވުމުން އަސާސީ ހައްގުތައް ހޯދުމަށް ނުވަތަ މައްސަލަތައް ހައްލު ކުރުމަށް ދާނެ ދިމާލެއް ނެތް ކަމަށް އަޒްމިރަލްދާގެ ސިޓީފުޅުގައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ވަޒީފާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ޖޭއެސްސީން އޭނާއަށް ޖަވާބު ނުދިނުމުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ސިޓީފުޅެއް ފޮނުއްވެވި ކަމަށެވެ.
އެ މައްސަލައަކީ "ރައީސުލްޖުމްހޫރިއްޔާ ވަކި ޖަވާބެއް ދެއްވާނެ މައްސަލައެއް ނޫން" ކަމަށާއި އެ މައްސަލައަށް ހައްލު ހޯދުމަށް ސްޕްރީމް ކޯޓާއި ޖޭއެސްސީއަށް ހުށަހެޅުން ރަނގަޅުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް އަޒްމިރަލްޒާގެ ސިޓީފުޅުގައިވެ އެވެ.
މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރުގެ ދަރިކަނބަލުން، އަޒްމިރަލްދާގެ ކަންބޮޑުވުންތަކަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދެއްވި ޖަވާބަކީ އެ މައްސަލައަކީ ޖޭއެސްސީއަށް ހުށަހަޅައިގެން ކުރިއަށް ގެންދެވެން އޮތް ކަމަކަށްވާތީ، އެ ކޮމެޓިއަށް އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
ސްޕްރީމް ކޯޓުން ނެރުނު ދަށުން ހައި ކޯޓުގައި ހުރި ހަމައެކަނި އަންހެން ފަނޑިޔާރު އަޒްމިރަލްދާ، ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރީ ޖޫން 22، 2015 ގަ އެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވީ މާޗް، 26، 2011 ގަ އެވެ.