މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ދެބައިކުޅަ އެއްބައި މެމްބަރުން ވެސް ވޯޓުލައިފަ ނުވާ ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

އެމްޑީޕީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ނުނެރެ ލަސްވެ، އަދި ރަސްމީ ނަތީޖާ އިއުލާން ކުރަންޖެހޭނެ ކަމަށް ގަވައިދުގައި ބުނާ މުއްދަތު ފަހަނައަޅައި ގޮސްފައިވަނިކޮށް، އިއްޔެ އެމްޑީޕިން އާއްމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީޕީގައި ހިމެނޭ 46،125 މެމްބަރުންގެ ތެރެއިން 23،000 ]ދެބައިކުޅަ އެއްބައި[ މީހުން ވެސް ވޯޓުލާން ނުކުމެފަ އެއް ނުވެ އެވެ.

ހުރިހާ މެމްބަރުންނަށް ވޯޓުލެވެނީ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކަމަށްވާއިރު، ތިން ފޮށި ފިޔަވައި މިހާތަނަށް ގުނައިފައިވާ ހުރިހާ ފޮއްޓެއްގެ ނަތީޖާއިން ދައްކާ ގޮތުގައި ރައީސްގެ މަގާމަށް ވާދަކުރެއްވި ބޭފުޅުންނަށް ސައްހަ ވޯޓުގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 22،110 ވޯޓެވެ. ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި ބޭފުޅުންނަށް ލިބުނު ސައްހަ ވޯޓުގެ ޖުމްލަ އަދަދު އެއަށްވުރެ 481 ވޯޓު މަދެވެ.

ބާތިލު ވޯޓުގެ ތަފްސީލެއް އެމްޑީޕީން އަދި އާއްމުނުކުރެ އެވެ. އެހެންނަމަވެސް، ބާތިލު ވޯޓު ހިމަނައިގެންވެސް ވޯޓު ލީ މީހުންގެ އަދަދު 23،000 އަށް އަރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އިންތިހާބާ ބެހޭ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ގަސަމް މިއަދު ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ، ވޯޓުލީ މީހުންގެ އަދަދު މަދުވި ތަފާތު ސަބަބުތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ބައެއް މީހުންގެ ރަޖިސްޓްރީގެ މައްސަލައާއި އަދި އެހެން ފަރާތްތަކަށް މައުލޫމާތު ނުލިބުމުގެ މައްސަލަ ވެސް ހިމެނޭނެ ކަމަށެވެ. އަދި އިންތިހާބުގެ މައްސަލަތައް ދިރާސާކޮށް، ކުރިއަށް އޮތް ތަނުގައި ކަންކަން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓުލީ މީހުން އަދަދު މަދުވީ އެމްޑީޕީ ތެރޭވެސް ސަރުކާރަށް އޮންނަ ތާއީދު ކުޑަ ވުމުން ކަަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެގޮތުން އެމްޑީޕީގެ ތާއީދު ބޮޑު ހއ. އިހަވަންދޫގައި ސަރުކާރުގެ ވައުދުތައް ފުއްދައިނުދޭ ކަމަށް ބުނެ ގިނަ ބަޔަކު އިންތިހާބު ބޯއިކޮޓްކޮށްފައިވާ މައްސަލަ އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

46،000 އަށް ވުރެ ގިނަ އިރު، އޭގެ ދެބައިކުޅަ އެއްބައި މީހުންވެސް ވޯޓުލާން ނުކުމެފައި ނެތުމުން އިދިކޮޅު ފަރާތްތަކުން ވަނީ، އެއީ ބޮޑު "ޖޯކެއް" ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އިބްރާހިމް ހުސެއިން ޒަކީއާ ވާދަކުރައްވައި ކުރީގެ ފިޝަރީޒް މިނިސްޓާ ޑރ. އިބްރާހިމް ދީދީ ވެރިކަންކުރާ ޕާޓީގެ ރައީސްގެ މަގާމު ކަށަވަރުކުރެއްވީ 900 ވޯޓުގެ ތަފާތަކުންނެވެ.

އިންތިހާބުގައި ބެހެއްޓި 218 ފޮށީގެ ތެރެއިން ތިން ފޮށި ފިޔަވައި ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ޑރ. ޑީޑީ އަށް ލިބިވަޑައިގެންފައި ވަނީ 11,531 ވޯޓެވެ. ޒަކީ އަށް ލިބިވަޑައިގެންފައި ވަނީ 10579 ވޯޓެވެ. އެހެންކަމުން، ބާތިލު ވޯޓު ނުލައި ޖުމްލަ 22،110 މީހުންް ވޯޓުލައިފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ.

މީގެ އިތުރުން ތިން ބޭފުޅަކު ވާދަކުރެއްވި އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ކަށަވަރުކުރެއްވީ ރެކޯޑް އަދަދަކަށް ވޯޓު ހޯދައިގެންނެވެ. އޭނާއަށް 13598 ވޯޓު ލިބުނުއިރު، އެއީ އެ އިންތިހާބުގައި ވާދަކުރި ބޭފުޅަކަށް ލިބުނު އެންމެ ގިނަ ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ހައުސިން މިނިސްޓާއަށް ލިބިވަޑައިގަތީ 7873 ވޯޓެވެ. އަދި އެއްވެސް ކެމްޕޭނެއް ނުކުރައްވާ ހުސައިން އާދަމްއަށް 158 ވޯޓު ލިބިވަޑައިގަތެވެ.

މި އިންތިހާބުގެ ޗެއާޕާސަންގެ އިންތިހާބު ބާއްވައިފަ ނުވާ ނަމަވެސް، އަލަށް އުފެއްދި ޗެއާޕާސަން ނައިބު )އިދާރީ(ގެ މަގާމަށާއި ޗެއާޕާސަން ނައިބު )މާލީ( ގެ މަގާމަށް ބޭފުޅުން ވަނީ އިންތިހާބުކޮށްފަ އެވެ. ނައިބު ޗެއާޕާސަން (އިދާރީ) ގެ މަގާމު 356 ވޯޓާ އެކު މުހައްމަދު އިމްތިޔާޒު )އިންތި( ކާމިޔާބުކުރެއްވިއިރު، އަނެއް މަގާމު ކާމިޔާބުކުރެއްވީ 393 ވޯޓާ އެކު ރައީސް އޮފީހުގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމެވެ.

އެމްޑީޕީ އިންތިހާބުގެ ނަތީޖާ ނެރުން ލަސްވުމާ ގުޅިގެން، ވާދަކުރި ގިނަ ކެންޑިޑޭޓުންނާއި އަދި ބައެއް މެމްބަރުން ވެސް ވަނީ ޝަކުވާކޮށްފަ އެވެ. އިންތިހާބުގެ ގަވައިދުގައި ބުނަނީ، ވޯޓު ގުނާ ނިމޭތާ ތިން ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، އަދި މިހާތަނަށް އެ ނަތީޖަ ނުނެރެ އެވެ.

އިންތިހާބާ ބެހޭ ކޮމިޓީން ބުނީ، އަންނަ ބުރާސްފަތު ދުވަހު ރަސްމީ ނަތީޖާ ނެރޭނެ ކަމަށެވެ.