މިއީ ގިނަ ބަޔަކު ކެތްތެރިކަމާ އެކު އިންތިޒާރު ކުރަމުން އައި އިންތިޒާރެއްގެ ނިމުމެވެ. ރާއްޖޭގައި ފިކްސްޑް އިންޓަނެޓު ފޯރުކޮށްދޭނެ ތިންވަނަ ފަރާތަކުން އެ ޚިދުމަތް ތައާރަފު ކުރަނީ އެވެ.

އުރީދޫ މޯލްޑިވްސް އިން މިރޭ އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ތައާރަފު ކުރާނެ އެވެ.

އުރީދޫއަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާ ލައިސެންސް، ސަރުކާރުން ދީފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

މިރޭ މި ޚިދުމަތް ލޯންޗު ކުރުމަށްޓަކައި ހެންވޭރު ހިތްފަސޭހަ މައިދާނު (އާޓިފިޝަލް ބީޗު)ގައި ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން، އުރީދޫ މިއުޒިކް ނައިޓްގެ ނަމުގައި މިރޭ އެތަނުގައި ހިންގާ ހަރަކާތުގައި "ގްރެވިޓީ ބައި ހަބޭސް"، ހަވޭސް ބޮޑުވެރި ގްރޫޕު، އީކުއޭޓިކް ވައިބް، ކޯރިއޯޓިކްސް، މޫޝަން އަދި މީރާ ފަދަ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ދާނެ އެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު -- ސަން ފޮޓޯ/ފަޔާޒު މޫސާ

އުރީދޫގެ އެސިސްޓަންޓް މެނޭޖަރު އޮފް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ވިދާޅުވީ، އުރީދޫ އަށް އެ ލައިސަންސް ލިބިފައިވާ އިރު، އުރީދޫ އިން މަސައްކަތް ކުރަމުން ދިޔައީ ވީހާ ވެސް އަވަހަކަށް އިންޓަނެޓު ޚިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް ކަމަށެވެ.

އަދި އުރީދޫގެ މި ޚާއްސަ ހަރަކާތުގައި، އެ ކުންފުނީގެ ކަސްޓަމަރުންނާއި ސަޕޯޓަރުން ބައިވެރިވުމަށް އެކުންފުނިން އެދެ އެވެ.