12 May 2016, 10:57
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކްރިސްޓިއަން ބެންޓޭކޭ ޖެހި ލަނޑުން ލިވަޕޫލް ސަލާމަތްވެއްޖެ އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑް ސްޓޭޑިއަމްގައި ރޭ ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެ ނަތީޖާއާ އެކު ލީގުގައި ކުޅުނު 37 މެޗުން ލިބުނު 59 ޕޮއިންޓާ އެކު އަށް ވަނައިގައި ލިވަޕޫލް އޮތް އިރު، ޗެލްސީ އޮތީ ކުޅުނު 37 މެޗުން ލިބުނު 49 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ
ރޭގެ މެޗުގެ 19 ވަނަ މިނެޓުގައި ލިވަޕޫލް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑެނިއެލް ސްޓަރިޖް ދިން ބޯޅައެއް ހިފައިގެން ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ރޮބާޓޯ ފާމީނޯ އުފެއްދި ހަމަލާ، ކީޕަރު އަސްމިރް ބެގޮވިޗް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސެސް ފެބްރިގާސް ދިން ބޯޅައަކުން ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އެޑެން ހަޒާޑް އުފެއްދި ހަމަލާ، ކީޕަރު ސިމޮން މިގްނޮލޭ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ނަގައިފަ އެވެ. އަބްދުލް ރަހުމާން ބާބާ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަޒާޑް އެވެ. ލިވަޕޫލުގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ޕެނަލްޓީ އޭރިޔާ ތެރެއިން ހަޒާޑް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ
އޭގެ ތިން މިނެޓުފަހުން ލިވަޕޫލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އެވެ. އަލްބާޓޯ މޮރޭނޯ ދިން ބޯޅައަކުން ޗެލްސީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، ފިލިޕޭ ކުޓީނިއޯ އުފެއްދި ބާރު ހަމަލާ، ކީޕަރު ބެގޮވިޗް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓުފަހުން ޗެލްސީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކޯލޯ ޓޫރޭ ކައިރިން ނައްޓާލުމަށް ފަހު، ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ހަޒާޑް އުފެއްދި ހަމަލާ، ކީޕަރު މިގްނޮލޭ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލްއަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެޑަމް ލަލާނާ ދިން ބޯޅައަކުން ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސްޓަރިޖް އުފެއްދި ހަމަލާ، ކީޕަރު ބެގޮވިޗް ވަނީ މަތަކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ
ލިވަޕޫލްއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ތެރޭގަ އެވެ. އޮލުވަސެޔި އޮޖޯ ނަގައިދިން ހުރަސް، ބެގޮވިޗް ހޯދަން އުޅުމުގެ ތެރޭގައި ބެންޓޭކޭ އަށް ލިބުނު ބޯޅަ، އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ލީގުގައި ދެން ޗެލްސީ އަދި ލިވަޕޫލްއަށް ވެސް ބާކީ އޮތީ އެންމެ މެޗެވެ. ލީގުގައި ޗެލްސީ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނަން ޖެހޭނީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އަދި ލީގުގައި ލިވަޕޫލް ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނަން ޖެހޭނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.