ގުޅިފަޅުގައި ކެފޭއާ ފިހާރަ ހިންގުމަށް ބިން ދޫކުރުމަށް ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުން ނިންމައިފި އެވެ.

ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގުޅިފަޅުގައި ކެފޭއާ ފިހާރަ ހިންގުމަށް ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މެއި ވާ ބުރާސްފަތި ދުވަހު، ހ. އާގަދަގޭ ދެވަނަ ފަންގިފިލާގައި ހުންނަ އެ އެ ކުންފުނީގެ އޮފީހަށް ހާޒިރުވެ، މައުލޫމާތު ސާފު ކުރުމަށް އެދޭ ކަމަށެވެ.

އެ މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ 31 މެއި ވަނަ ދުވަހު ކަމަށް އެ އޮފީހުން ބުނެ އެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ގްލޯބަލް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (ޖީޑީޕީ)އާ ހަވާލުކޮށްފައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުގެ މާޗު މަހު، ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑާ އެކު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ނެވެ.

ގުޅިފަޅުގައި އަޅާފައިވާ ފްލެޓުތައް ނިންމައި، އެ ފްލެޓުތައް ބަޔަކަށް ވިއްކާފައިވާ އިރު، ގުޅިފަޅުގައި މީހުން އާބާދު ކުރުން މަޑުޖައްސާލުމަށް، ރައީސް އޮފީހުގެ އިރުޝާދުގެ ދަށުން ޖީއައިއެލްއިން ވަނީ ޖީޑީޕީއަށް އަންގައިފަ އެވެ.

އަދި، މި އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ޖީއައިއެލްއިން ވަނީ ފުލުހުންނާ އެކު ގުޅިފަޅަށް ގޮސް، އެރަށް ސަރުކާރަށް ނަގާފައިވާ އިރު، އެދުވަހު ފުލުހުން މެދުވެރިކޮށް ޖްލޯބަލް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (ޖީޑީޕީ)ގެ ތަކެތި އެރަށުން ބާލާފައި ވެ އެވެ.

މިއާ އެކު، ގުޅިފަޅުން ފްލެޓު ގަނެފައިވާ ފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.