12 May 2016, 10:12
މެންޗެސްޓާ (މޭ 12): އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ޓެރަރިސްޓު ހަމަލާއެއް ދިނުމުން އަމަލު ކުރާނެ ގޮތް ދެއްކުމުގެ ގޮތުން އިނގިރޭސި ފުލުހުން ކުރިއަށް ގެންދިޔަ ޑްރިލްއެއްގައި ފޭކު ބޮން ގޮއްވި މީހާ ﷲ އަކުބަރު ކިޔުމުން، އެގައުމުގެ ފުލުހުން އެކަމަށް މާފަށް އެދެފި އެވެ.
މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އެ ޑްރިލްގައި މޫނު ފޮރުވައިގެން ހުރި މީހަކު ﷲ އަކުބަރު ކިޔުމަށް ފަހު "ބޮން" ގޮއްވާލާފައި ވަނީ އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު ޝޮޕިން ސެންޓަރު ކަމަށްވާ، ޓްރެފޯޑް ސެންޓަރުގަ އެވެ. ބޮން ގޮއްވާލުމާއެކު ޑްރިލްގައި ބަައިވެރިވި ވޮލިއުންޓިއަރުން ވަނީ ބިން މައްޗަށް ވެއްޓިގަނެ ނުވަތަ ޝޮޕިން ސެންޓަރުގެ ފިހާރަތަކަށް ވަދެ ފިލާފަ އެވެ. އަދި ބައެއް ބައިވެރިން ވަނީ ބޮމުގެ ހަމަލާގައި ޒަހަމްވެފައިވާ ކަމަށް ބެލެވޭ ގޮތަށް ފޭކު ލޭ ބޭނުންކޮށްފަ އެވެ. ސަލާމަތީ ފަރާތްތަކުން ޝޮޕިން ސެންޓަރަށް ވަނީ އެހާ ހިސާބުންނެވެ.
ެއެޑްރިލްގައި ބޮން ގޮއްވާލިއިރު ﷲ އަކުބަރު އޭ ކިޔުމުން ޓެރަރިސްޓު ހަމަލާތަކާ އިސްލާމް ދީނާ ސީދާ ގުޅުވާލެވޭ ކަމަށާއި އޭގެ ސަބަބުން މުސްލިމުންނާ މެދު ތަފާތު ކުރުންތައް ގެންގުޅުމަށް ހިތްވަރު ދެވޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މެންޗެސްޓާގެ ފުލުހުންނަށް ފާޑު ކިޔާފަ އެވެ. އެހެންކަމުން، ގްރޭޓް މެންޗެސްޓާ ޕޮލިސްގެ އެސިސްޓެންޓު ޗީފް ކޮންސްޓެބުލް، ގޭރީ ޝިވަން ވަނީ އެއީ "ގަބޫލު" ނުކުރެވޭ އަމަލެއް ކަމަށް ވިދާޅުވެ އެކަމަށް މާފަށް އެދިވަޑައިގެންފަ އެވެ.
"ފޭކު ޖާނުން ފިދާވުމުގެ ހަމަލާ ދިނުމުގެ ކުރިން އިސްލާމްދީނާ އެހާ ފާޅުކަންބޮޑު ގޮތެއްގައި ގުޅޭ ދީނީ ބަހެއް ބޭނުން ކުރުމަކީ ގަބޫލު ކުރެވޭނެ ގޮތެއް ނޫން ކަމަށް އަޅުގަނޑުމެން އެއްބަސްވަން. އަޅުގަނޑުމެން އެކަން ދެނެގަނެ އެކަމަށް މާފަށް އެދެން،" ޝިވަން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާވައިގެން ކުރިއަށް ގެންދިޔަ އެޑްރިލްއަކީ އިނގިރޭސިވިލާތުގެ އެކި ސިޓީތަކުގައި، ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޑްރިލްތަކެކެވެ. (އިންޑިޕެންޑެންޓު)