ވޮޝިންޓަން (މޭ 12) : ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަހަރެއްގެ މައްޗަށް ދެ ޓްރިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ވާކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހާމަކޮށްފިއެވެ.

އެފަންޑުން ތައްޔާރުކުރި ދިރާސާ ޕޭރަރެއް ބުނާ ގޮތުން ކޮރަޕްޝަން ނެތް ގައުމެއް ދުނިޔޭގައި ނެތެވެ. ނަމަވެސް ކޮރަޕްޝަނާ ހަނގުރާމަކުރުމަށް ދުނިޔޭގެ ގައުމުތަކުން އަޅާފިޔަވަޅުތަކާ ގުޅިގެންނާ އަދި ދުނިޔޭގެ ގައުމުތަކުގެ ގާނޫނުތަކާއި ވެރިކަމުގެ ނިޒާމުތައް ހުންނަގޮތުން ޓެރިރިޒަމްގެ އަމަލުތައް ހިނގަމުންދާމިންވަރު އެއްގައުމު އަނެއްގައުމާ ވަރަށް ތަފާތުކަން މިޕޭޕަރުގައި ފާހަގަކޮށްފައިވެއެވެ.

އައިއެމްއެފް ގެ ޑައިރެކްޓަރު ކްރިސްޓީން ލަގާޑް ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަހަރަކު ލިބޭ ސީދާ ގެއްލުން އަހަރަކު ދެ ޓްރިލިޔަނަށް އެރިނަމަވެސް މީގެ ނުސީދާ ގެއްލުން އެތަށް ގުނައެއް އިތުރުވާނެ ކަމާއި އެގެއްލުން އަންދާޒާ ކުރަންވެސް ދަތިވާނެ ކަމުގައެވެ.

އައިއެމްއެފް ގެ ދިރާސާ ޕޭރަރު ބުނާގޮތުން ކޮރަޕްޝަންގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ތެރޭގައި މުއްސަނދިން އިތުރަށް މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވުމާއި ރައްޔިތުންގެ އިތުބާރު ސަރުކާރުތަކަށް ގެއްލުމާއި ސަރުކާރުތަކުގެ ތަރައްގީގެ މަޝްރޫއުތައް ނާކާމިޔާބުވުމާއި ސަރުކާރުތަކަށް ލިބެންވާ ރެވެނިއު ނުވަތަ އާމްދަނީ ދަށްވުމާއި ވެރިކަމުގެ ނިޒާމުތަކުގެ އަޚްލާގީ ފެންވަރު ދަށްވުމާއި ސަރުކާރުތަކުންދޭ ސިއްޙަތާއި ތައުލީމްފަދަ އިޖްތިމާއީ ޚިދްމަތްތަކުގެ ފެންވަރު ދަށްވުންފަދަ ކަންކަން ހިމެނެއެވެ.

އަދި ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި އުފައްދާފައިވާ މުއައްސަސާތައް ހުރެފައި ޓެރަރިޒަމާ އިދިކޮޅު ގާނޫނޫތައް ހުރިނަމަވެސް ޓެރަރިޒަމްގެ އަމަލުތައް ނުހުއްޓުވޭކަން މިދިރާސާގައި ފާހަގަކޮށްފައިވެއެވެ. އަދި ރިޝްވަތަކީ ކޮރަޕްޝަނުގައި ހިމެނޭ އެންމެ ނުރައްކާތެރި ބައިކަންވެސް މިޕޭޕަރުގައި ފާހަގަކޮށްފައިވެއެވެ. (ރޮއިޓާސް)