ކުރާ ހަރަދުތައް ފޫބެއްދުމަށް ޓަކައި ސަރުކާރުންކަންތައްތަކެއް ރާވާފައި އެބަ ހުރި ކަމަށާއި ޓޫރިޒަމް ދާއިރާ އާއި އެހެން ދާއިރާތަކަށް އަންނަ ބަދަލުތަކާ އެކު ވެސް އެދަރަނިތައް ފޫބެއްދިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އެއްފަހަރާ ހިންގާ ބޮޑެތި މަޝްރޫއުތަކަށް ބޭރުގެ ލޯނު އެހީ ހޯދި ނަމަވެސް، އެކަމުގެ ނޭދެވޭ އަސަރު ފަހުން ރާއްޖެ އަށް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާދިނުމާ ގުޅިގެން އިކޮނޮމިކް ކައުންސިލް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ މި ފަސް އަހަރު ނިމިގެންދާ އިރު އިތުރު 50 ރިސޯޓް ހުޅުވިގެންދާނެ ކަމަށާއި އެއާ އެކު ލިބޭ އާމްދަނީ އިން ހަރަދު ދެކޮޅު ޖެއްސޭނެ ކަމަށެވެ.

"އިތުރުވެގެންދާ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު މިފަންޑް މެޗިން ނޫނިއްޔާ މިދަރަނި އަދާކުރުމަށް ޓަކައި އެޔަގީންކަން އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ، މިހާރު އިގްތިސާދީ ގޮތުން ރޭވިފައި ހުރި ޕުރޮޖެކްޓްތަކަކީ އޭގެ ސަބަބުން ވަރަށް ގިނަ ޓެކްސް ދައްކާ ރެވެނިއުލިބޭނެ ޕުރޮޖެކްޓްތަކެއް." މިނިސްޓަރު ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވަމުން އައުމާއި ބޭނުންވާ އިތުރު ތަރައްގީގެ ކަންތައްތައް ބިނާކުރުމާ އެކު ޓޫރިޒަމާއި އިގްތިސާދީ ގޮތުން މިއަންނަ ކުރިއެރުންތަކާ އެކު ލޯންތައް ކަވަރުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި ރިސޯޓުތަކުން 26000 އެނދުން 2.5 ބިލިއަން ޑޮލަރު ލިބޭ އިރު އަލަށް ހަދާ ރިސޯޓްތަކާ އެކު އުފެދޭ 12500 އެނދުން 1.5 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށެވެ. އެސްއީޒެޑް ޕުރޮޖެކްޓްތައް މިފަސް އަހަރުގެ ތެރޭގައި ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.