12 May 2016, 09:43
މި އަހަރަކީ އަނެއްކާ ވެސް އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތަކަށް ހިތްދަތި އަހަރެއް ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯވް ބުނެފި އެވެ.
މި އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރި ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ދެވަނަ ބުރަށް ދަތުރު ކުރެވިފައެއް ނުވެ އެވެ. އެއް މެޗު ބާކީ އޮއްވައި ރާއްޖޭގެ ލީގު ޗެމްޕިއަން، ނިއު ރޭޑިއަންޓް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު އިރު، މާޒިޔާ ކަޓާފައި ވަނީ ގްރޫޕުގެ އެންމެ ފަހު މެޗަށް ފަހު އެވެ.
"މިއީ އަނެއްކާ ވެސް އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތަކަށް ހިތްދަތި އަހަރެއް. ޖެހިޖެހިގެން ތިން ވަނަ އަހަރު މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް، ކަޓައިގެން އެ ދިޔައީ،" ޕޮޕޯވްގެ ފޭސްބުކް ޕޭޖުގައި އޭނާ ލިޔެފައިވެ އެވެ.
ޕޮޕޯވް ބުނީ، އޭޝިއާގެ ބޮޑެތި ޓީމުތައް ބަލިކޮށް ރާއްޖޭގެ ޓީމުތަކުން ތާރީހުގެ ތެރެއަށް ވަންނަމުންދިޔަތާ އަދި މާގިނަ ދުވަސްތަކެއް ވެސް ވެފައިނުވާ ކަމަށެވެ.
އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖް ފަހަނައަޅައި، ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ޓީމަކީ ނިއު ރޭޑިއަންޓެވެ. ނިއުއިން ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެ އަހަރެއްގައި ގޮސްފަ އެވެ. އެއީ 2005 ވަނަ އަހަރު އަދި 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގަ އެވެ.
ނިއު ރޭޑިންޓްގެ މިހާރުގެ ވެސް ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފްގެ އިރުޝާދުގެ ދަށުން 2005 ވަނަ އަހަރު ނިއު އިން އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި އެވެ. އެންމެ ފަހުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ނިއުއަށް ދެވިފައި ވަނީ ޕޮޕޯވްގެ އިރުޝާދުގެ ދަށުން 2013 ވަނަ އަހަރު އެވެ. އެ އަހަރު ނިއުއިން ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.
ނިއުގެ ކާމިޔާބު ކޯޗު ޕޮޕޯވް ވަނީ މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމާ ވެސް ހަވާލުވެފަ އެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކާމިޔާބެއް ހޯދޭގޮތެއް ނުވެ އެވެ. ގައުމީ ޓީމާ ހަވާލުވުމަށް ފަހު އަދި ގައުމީ ޓީމުން އޭނާ ވަކިކުރުމަށް ފަހު ވެސް ދިވެހި ފުޓްބޯޅަ ތަރައްގީ ކުރުމަށް ގޮވާލައި، ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.