ކުޑަކުދިންނަށް ގޯނާ ކުރުމުގެ ތަފާތު މައްސަލަތައް ފެންމަތިވެގެން އަންނަނީ ބެލެނެވިރިން އެކުދިންނަށް އިހުމާލުވުމުގެ ސަބަބުން ނުވަތަ ޒިންމާ ނަގަން ޖެހޭ ފަރާތުން ފުރިހަމައަށް އެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމުގައި ހެލްތު މިނިސްޓާގެ ނައިބު ފާތުމަތު އާފިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
~
ކުޑަކުދިންގެ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އާފިޔާ މިއަދު ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 17 އިން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށްވީ 18 ދުވަހުގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ ތަފާތު 34 މައްސަލަ އެއް ޖެންޑާ ޑިޕާޓުމަންޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އެއީ އެވްރެޖްކޮށް ދުވާލަކަށް އެއް މައްސަލަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ފަސް މައްސަލަ އެއް ހިމެނޭއިރު، ދެން ހުރީ ކުދިންނާ މެދު އިހްމާލުވެފައިވާ މައްސަލަ ތަކާއި ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ކޮށްފައިވާ އެކިއެކި މައްސަލަތައްކަމުގައި ވެސް އާފިޔާ ވިދާޅުވި އެވެ.

އާފިޔާ ވިދާޅުވި ގޮތުގައި، އެ ހުރިހާ މައްސަލަތަކެއް ވެސް ފެންމަތިވެފައިވަނީ ޒިންމާ ނަގަން ޖެހޭ ބެލެނިވެރިން އެ ޒިންމާ ނުނަގާތީ ކަމަށެވެ. އަދި ކުޑަކުދިންނަށް އިހުމާލުވުމަކީ މިއަދު އެކުދިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުޑަކުދިންގެ މައްސަލަތަކުގައި އެންމެ ގިނައިން ފާހަގަ ކުރެވެނީ ޒިންމާ ނަގަން ޖެހޭ ބެލެނިވެރިން ޒިންމާ ނުނަގާ މައްސަލަ. މިހުންނަ ހުރިހާ ސޯޝަލް އިޝޫތަކަށް ބަލާލުމުން އެކަން އެބަ އިނގޭ،" އާފިޔާ ވިދާޅުވި އެވެ.

އަލަށް އުފަންވި ދެ ކުޑަކުއްޖަކު ފޫޅުދަނޑިއާއި މަސްގަނޑާއެކު އެއްލައިލައްފަ އޮއްވާ މިފަހުން ފެނުނު ދެ މައްސަލަ ފާހަގަކުރައްވަމުން އާފިޔާ ވިދާޅުވީ، އެފަދަ ކަންކަމާ މެދު މިނިސްޓްރީން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި އެގޮތަށް ކުއްޖާ އެއްލާލުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ގޮތްތަކެއް ހޯދުމަށް ގޮވައިލެއްވި އެވެ.

"އެފަދަ މައްސަލަތައް ދިމާވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާނީ ކުދިން ނުމަރާ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލު ހޯއްދަވާށޭ."

އާފިޔާ ވިދާޅުވީ، އަޅާލާނެ ފަރާތެއް ނެތް ކުދިން ދައުލަތުގެ ފަރާތުން ބަލަމުން ދިޔަ ނަމަވެސް، އެފަދަ ކުދިންނާ ހަވާލުވުމަށް ބައެއް އާއިލާތަކުން ބޭނުންވާތީ އެކުދިންގެ "ބަލަދު ވެރިކަން ދިނުމުގެ ގަވައިދު މިނިސްޓްރީން އެކުލަވައިލައި، އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ގަވާއިދު އައުމާ އެކު ބަލަދުވެރިކަން ބަދަލު ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ.