12 May 2016, 00:31
ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އާއިލީ މާހެފުމެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބު މުހައްމަދު މުސްތަފާ އިބްރާހީމް މިރޭ ސަން އަށް ވިދާޅުވީ އާއިލީ މާހެފުން ބާއްވާނެ ތާރީޚާއި ގަޑި ފަހުން އާންމުކުރާނެ ކަމަށެވެ.
މުސްތަފާ ވިދާޅުވީ އާއިލީ މާހެފުން އޮންނާނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި ކަމަށާއި އެ މާހެފުމުގައި ކަދުރާއި ކާށި އަދި މަސް، މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މާހެފުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބޭނުންވާނަމަ ކާއެއްޗިހި ގެނައުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާހެފުން ކުރިއަށްދާ ވަގުތު ދީނީ އިލްމުވެރިން މެދުވެރިކޮށް ދީނީ ނަސޭހަތް ދިނުން ވެސް އޮންނާނެ ކަމަށާއި މައިގަނޑުގޮތެއްގައި އެދުވަހު ދީނީ މާއުލޫމާތުދޭނީ ދީނީ ގޮތުން ރޯދަ މަހުގެ ކަންކަން އޮންނަ ގޮތާއި ރޯދަމަހު ބަސްމަގު ބަހައްޓަންވީގޮތުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މާހެފުގައި، ކޮންމެ ރައްޔިތަކަށް ވެސް ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަމެއް އޮތްނަމަ ދީނީ އިލްމުވެރިން މެދުވެރިކޮށް ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޫން މަހުގެ ދެވަނަ ދުވަހުގެ އެކި ގަޑިތަކުގައި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ކުންފުނިތަކުން ވެސް މާހެފުންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މާހެފުންތަކުގައި ވެސް ދީނީ އިލްމުވެރިން މެދުވެރިކޮށް ދީނީ ނަސޭހަތް ދިނުން އޮންނާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"މި މާހެފުންތަކުގައި ވެސް ދީނީ އިލްމުވެރިން މެދުވެރިކޮށް ދީނީ މައުލޫމާތު ދިނުން އޮންނާނެ. ކޮންމެ ބޭފުޅަކަށް ވެސް އެބޭފުޅެއްގެ ހިތްޕުޅުގައި އުފެދޭ ސުވާލެއް ދީނީ އިލްމުވެރީނާ ކޮށް އެ ސުވާލެއްގެ ޖަވާބު ހޯދުމުގެ ފުރުސަތު އޮންނާނެ،" މުސްތަފާ ވިދާޅުވި އެވެ.
މުސްފަތާ ވިދާޅުވީ އަމިއްލަ ކުންފުނިތަކުން ބާއްވާ މާހެފުންތަކުގައި ވެސް ދީނީ ނަސޭހަތް ދިނުމުގެ ކަންތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
މިފަހަރު ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހުރިހާ ރަށެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ ހަނދު ފެނޭތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މުސްފަތާ ވިދާޅުވީ އެގޮތަށް އަމަލުކުރުމަށް ހުރިހާ ކައުންސިލްތަކަށް ވެސް އިސްލާމިކް މިނިސްޓްރީން އަންގާނެ ކަމަށެވެ.
ހަނދުބަލަން ރަށްރަށުން މީހުން ނުކުމެ އުޅޭ މަންޒަރު ޓީވީ ޗެނަލްތަކުން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަނދުބަލާ ދުވަހުގެ ހަވީރު 5:45 އިން ފެށިގެން ޓީވީ ޗެނަލްތައް މެދުވެރިކޮށް ފަލަކީ އިލްމުވެރިން ކަމާ ބެހޭ މައުލޫމާތު ދެއްވާނެ ކަމަށެވެ. އަދި އެވަގުތު ދީނީ އިލްމުވެރިން ދީނީގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ޓީވީ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްފަތާ ވިދާޅުވިގޮތުގައި މިފަހަރުގެ ރޯދަ މަހު ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތް ތަފާތުވާނެ އެވެ.
ކޮންމެ ނަމާދެއްގެ 15 މިނެޓު ކުރިން މިސްކިތްތަކުގައި ގުރުއާން ކިޔެވުން އޮންނާނެ ކަމަށާއި މީހުން އެއްވެ އުޅޭ ތަންތަނުގައި ސައުންޑު ބޭނުންކޮށްގެން ގުރުއާނާއި ސިޔަރަތު ޖަހާފައި ހުންނާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރުގެ ރޯދަ މަހު މާލެ އާއި އަތޮޅުތަކުގެ އެކި މަގުތަކުގައި ޒިކުރުތައް ހިމެނޭ ޕޯސްޓަރުތައް ހަރުކޮށްފައި ހުންނާނޭ ކަމަށެވެ.