މާކިއުރީ އެޗްއޭއެފް އައިލެންޑް ކަޕުގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް ދ. މާއެނބޫދޫ އާއި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ހޯދައިފި އެވެ.

ރައިސިން ސްޓާސް ފޯ ވިލިފުށި ރެކްރިއޭޝަން (އާރްއެސްވީއާރު)އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ ސެމީއަށް މާއެނބޫދޫ އާއި ތިމަރަފުށި ދަތުރުކުރީ މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

އައިލެންޑް ކަޕްގައި ދ. މާއެނބޫދޫ އާއި ބ. ކިހާދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނި މުހައްމަދު ޝާހު: އޭނާއަކީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ޒުވާން ކުޅުންތެރިއެއް --- ފޮޓޯ: އެޗްއޭއެފް އައިލެންޑް ކަޕް / ފޭސްބުކް

ކުއާޓާ ފައިނަލުގައި މިރޭ ބ. ކިހާދޫއާ ދެކޮޅަށް ކުޅުނު ފަސޭހަކަމާއެކު މާއެނބޫދޫ ވަނީ ކާމިޔާބުކޮށްފަ އެވެ. އެ މެޗުން މާއެނބޫދޫ މޮޅުވީ 5-0 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާއެނބޫދޫގެ މުހައްމަދު ޝާހު އެވެ.

ކުއާޓާގައި މިރޭ މ. ކޮޅުފުށީގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ވަނީ ފަސޭހަކަމާއެކު ކުރި ހޯދައިފަ އެވެ. އެ މެޗު ތިމަރަފުށި ކާމިޔާބުކުރީ 5-1 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ތިމަރަފުށީގެ އާދަމް ނާސިހު އެވެ.

އައިލެންޑް ކަޕްގެ ކުއާޓާގައި ތ. ތިމަރަފުށްޓާއި މ. ކޮޅުފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 5-1 ލަނޑުން ކާމިޔާބުކޮށް، ސެމީގެ ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި --- ފޮޓޯ: އެޗްއޭއެފް އައިލެންޑް ކަޕް / ފޭސްބުކް

މާއެނބޫދޫ އާއި ތިމަރަފުށީގެ އިތުރުން ދެން ސެމީގައި ވާދަކުރާނީ ކުއާޓާގައި ރޭ ކުޅުނު މެޗުތަކުން މޮޅުވި ބ. ހިތާދޫ އާއި ރ. އަލިފުށި ޓީމެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހުގެ ރޭ 8:15 ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ހިތާދޫ އާއި މާއެނބޫދޫ ބައްދަލުކުރާއިރު، ސެމީގެ ފަހު މެޗުގައި އެރޭ 9:15 ގައި ބައްދަލުކުރާނީ އަލިފުށްޓާއި ތިމަރަފުށްޓެވެ. މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިލެންޑް ކަޕުގައި ޖުމްލަ 32 ޓީމެއް ބައިވެރިވެފައިވެ އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާ ހުށަހަޅާގޮތަށް ހަމަޖެހިފައިވެ އެވެ.