12 May 2016, 00:45
ސިފައިންގެ 124 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފުން ދުވާފަރުގައި ބޭއްވި ފޮޓޯ މައުރަޒު އާއިލީ ހަވީރަކާ އެކު މިއަދު ނިންމާލައިފި އެވެ.
އަންގާރަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ބޭއްވި ފޮޓޯ މައުރަޒުގައި ވަނީ 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތައް ދައްކާލައިފައެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާއާއި ދުވާފަރު ކައުންސިލުގެ އިދާރާ ގުޅިގެން އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދިޔަ ފޮޓޯ މައުރަޒުގެ ތެރެއިން އިޖުތިމާއީ އެކިއެކި ހަރަކާތްތަކާއި ސިފައިންގެ ތާރީހާއި ރ. ކަނދޮޅުދޫއަށް ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކާއި އަދި ސިފައިންގެ ހިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް އާންމުންނަށް ވަނީ ދައްކާލާފައެވެ.
މިއަދު ބޭއްވި އާއިލީ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައެވެ. އެމްއެންޑީއެފުން ބުނީ އެ އާއިލީ ހަވީރުގައި ސިފައިންގެ ހިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
ރ. އަތޮޅު މަދަރުސާ އާއި ދުވާފަރު ހެލްތު ސެންޓަރާއި ދުވާފަރު ޕްރައިމަރީ ސްކޫލް އަދި ދުވާފަރު ޕްރީ ސްކޫލް ވަނީ އެ އާއިލީ ހަވީރުގައި ބައިވެރިވެފައެވެ.