މީގެ ޒަމާންތަކެއް ކުރި އެވެ. އެ އަންހެން ކުއްޖާ އަބަދުހެން ބަލިވަނީ އެވެ. އަބަދުވެސް ކޮންމެވެސް ހުމެއް ނުވަތަ ރޯގާއެއް ހުންނަނީޖެހިފަ އެވެ. އެތައް ގޮތަކުން ފަރުވާކޮށް ވެސް ރަނގަޅުނުވި އެވެ. އެންމެ ފަހުން ދީނީ އިލްމުވެރިއެއްކައިރިއަށް ގެންދިޔަ އެވެ. އިލްމުވެރިޔާ ސުވާލުތަކެއް ކުރުމަށް ފަހު އެ ކުއްޖާގެ ނަން ވީހާ ވެސް އަވަހަކަށް ބަދަލުކުރުމަށް ބުންޏެވެ. ސަބަބަކީ އެކުއްޖާގެ ނަން ކަމަށްވާ ޒާނިއާގެ މާނައަކީ ޒިނޭކުރާ އަންހެން މީހާ ކަމުން އެނަމުގެ މާނަ ގޯސްވުމުންނެވެ. އެއާ އެކު އެ ކުއްޖާގެ ނަން މާނަ ރީތި ނަމަކަށް ބަދަލުކުރި އެވެ. އެއާ އެކު ކުރިން އަބަދުހެން ބަލިވެ އުޅުނު ކުއްޖާ ފުރިހަމަ ސިއްހަތަކަށް އައެވެ.

ކަމުނުދާ ނަންތައް ކިޔުން ރާއްޖޭގައި އާންމު!

މިއީ މީގެ އެތައް ޒަމާނެއް ކުރިން ރާއްޖޭގައި ހިނގާފައި ހުރި ކަންކަންކަމަށް ބައެއް މީހުން ކިޔައި ދޭ ވާހަކަތަކެވެ. އެ ކުއްޖަކަށް ކިޔާ ނަމަކީ އޭނާގެ ދިރިއުޅުމާއި އަހުލާގާއި ގުޅޭނެ ކަމެކެވެ. ސައްތައިންސައްތަ މުސްލިމުންނަށް ނިސްބަތްވާ ރާއްޖޭގައި އިސްލާމުންނަށް ކިޔަން ނުޖެހޭ ފަދަ ނަންތައް ކިޔުން އާންމުވެފައިވާ ކަމުގެ ވާހަކަތައް މި ވަނީ އާންމުވެފަ އެވެ. އެކަން މި މުޖުތަމައުއިން ފެންނަން އެ ބަހުއްޓެވެ. ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ކިޔާ ފަދަ ނަންތައް ކިޔާ މީހުން ރާއްޖޭގައި އެބައުޅެ އެވެ.

"އެއްވެސް މިންގަނޑެއް ގޮތެއް ފޮތެއްނެތި މިދަނީ ކިޔަމުން، އެބަހުރި ޣައިރު މުސްލިމުންނަށް ކިޔާނަންނަން ވެސް، އަދި މިހާރު އަބަހުރި ޔަހޫދީ ނަންނަން ވެސް،" އެކަން އާންމު މިންވަރު ހިއްސާކުރައްވަމުން ޖަމިއްޔަތުއް ސަލަފުގެ ނައިބު ރައީސް ޝެއިހް ޙަސަން މުސާ ފިކުރީ ވިދާޅުވި އެވެ.

އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި މައިން ބަފައިން ކުދިންނަށް އަދާ ކޮށްދޭން ޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙައްޤަކީ، އެ ކުދިންނަށް އިސްލާމީ ރިވެތި ނަމަކުން ނަން ކިޔުމެވެ. ކީތިރި ރަސޫލާ އިރުޝާދު ދެއްވާފައި ވަނީ، ކުދިންނަށް ކިޔާ ނަމަކީ ރިވެތި މާނައެއް އެކުލެވިގެންވާ އަދި އެ ކުއްޖާއަށް އޭގެ ސަބަބުން ހެޔޮ އަސަރެއް ކުރާ ކަހަލަ ނަމަކަށް ހެދުމަށް ކަމަށް ޝެއިހް ވިދާޅުވެ އެވެ.

ނަމަވެސް މި އިސްލާމީ މުޖުތަމައު އިން މިއަދު ފެންނަމުން ދަނީ އެ މަންޒަރެއް ނޫނެވެ. ކިޔަންފަސޭހަ ކުރު ނަންތައް ކިޔަން މިއަދު މިވަނީ އިސްކަން ދޭންފަށައިފަ އެވެ. ހަމައެހެންމެ މަންމަ ނުވަތަ ބައްޕަގެ ނަމާއި ގުޅުވުމަށް ނުވަތަ ލޯބިން ގޮވާލުމުގެ ބޭނުގައި ފާޑުފާޑު ނަންތައް މާނައަށް ބަލައިނުލައި ކިޔަމުންދާތަން މިދަނީ ފެންނަމުންނެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަދު ދިވެހި މުޖުތަމައުގައި ރައްޔިތުން އެ މީހުންގެ ދަރީންނަށް ޔަހޫދީ އަދި ނަޞާރާ ނަންތައް ކިޔަމުންދެ އެވެ. މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟

އަތޮޅު ތެރޭ ރަށްރަށުގައި އުފަންވާ ކުދިންނަށް ކިޔާ ނަން ރަޖިސްޓްރީ ކުރަނީ އެރަށެއްގެ ކައުންސިލުންނެވެ. މާލޭގައި ނަމަ މާލޭ ސިޓީ ކައުންސިލްއިންނެވެ. މާނަ ރަނގަޅު ނޫން ބައެއް ނަންނަން ފާސްކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކައުންސިލްތަކުން ކަންކަން ކުރަމުން އަންނަކަމުގެ ތުހުމަތަކީ ކުރެވޭ ތުހުމަތެކެވެ. އެގޮތުން އެކައުންސިލްއަކަށް ނިސްބަތްވާ އިސް މީހަކާ ގުޅިގެން ބޭނުންނަމެއް ފާސްކުރަމުންދާކަމުގެ ތުހުމަތުކުރެވެ އެވެ.

އެހެން އެވަނީ ކީއްވެ؟

އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ އެކައުންސިލުން ނަންތައް ފާސްކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީން ދީފައިވާ ނަންލިސްޓަކަށް ބަލައިގެން ކަމަށެވެ. އެ ލިސްޓުގައި ނެތް ނަމެއް ނަމަ މިނިސްޓްރީން ހުއްދަދީފައިވާ އިލްމުވެރިއެއްގެ ލިޔުމާއެކު އެނަން ފާސްކުރަން ހުށައެޅުމުން އިތުރުބެލުމެއް ނެތި ފާސްކޮށްދެމުން އަންނަ ކަމަށް ސަމާއު ވިދާޅުވި އެވެ.

"އެ ލިސްޓުގައި އޮންނަ ބޭފުޅަކު ސޮއިކޮށްފައި ސްލިޕްލާއިރު ވަގުތުންވާނެ އަހަރުން އިތުރަށް ދެން ނީންނާނެ ބަލާކަށް، އެސްލިޕުގައި ނަމާއި ނަމުގެ މާނައާއި އެޝެއިހަށް ދީފައިއިންނަ ހުއްދަ ނަމްބަރާއި އޭނަގެ ނަމާއި މައުލޫމާތު ހުށައެޅުމުން،" ސަމާއު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް ކަނޑައަޅާފައިވާ 100 އަށް ވުރެ ގިނައިލްމުވެރިން ތިބެ އެވެ. އަތޮޅުތެރޭ ރަށްތަކުގައި ވެސް އެފަދަ ފަރާތްތައްތިބެ އެވެ. އޭގެން ފަރާތަކުން ސޮއިކޮށް ހުށައަޅައިފި ނަމަ ކައުންސިލަށް ޖެހެނީ އެ ނަމެއް ފާސްކޮށްދޭންށެވެ. އެފަދަ ބައެއް އިލްމުވެރިން ވެސް ހުއްދަ ނޫން ނަންތައް ކިޔުމަށް ހުއްދަދޭ ކަމަށް ތުހުމަތުކުރެވެ އެވެ.

ޝެއިހް ފިކުރީ ވިދާޅުވީ ޝެއިހުންނަކަށް ނަން ފާސްކުރުމުގައި ވަކި އުސޫލެއް ކަނޑައަޅާފައި ނޯންނަ ކަމަށާއި އިލްމުވެރިއެއް އެއީ ރަނގަޅުނަމެއްކަމަށް ބުނެ ފޮނުވުމުން އޭގެ ހަގީގަތް ވެސް ބަލައިނުލައި ނަންތައް ފާސް ކުރަމުން އަންނަ ކަމަށެވެ. އެހެންވުމުން ބައެއް އިލްމުވެރިން ފާސްނުވާނެ ކަމަށް ނިންމާ ނަންތައް އަނެއްބައި އިލްމުވެރިން ފާސްކޮށްދީފައި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރަނގަޅު ނޫނޭ ބުނާ ނަންނަން ވެސް އެބަހުރި ކިޔާފައި، އެއީ ކޮންމެވެސް ބޭފުޅެއް [އިލްމުވެރިއެއް] ހުއްދަދީފައި އިންނާތީ އެކިޔެނީ،" ޝެއިހް ފިކުރީ ވިދާޅުވިއެވެ.

ނަންކިޔުމުގައި ބަލަންވީ ކޮންކަމަކަށް!

ޝެއިހް ވިދާޅުވީ ރަސުލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގޯސް މާނަ ހުރި ނަންނަން ވެސް ބަދަލުކުރައްވާފައި އެބަހުންނެވި ކަމަށެވެ. އެހެންކަމުން ނަން ކިޔާއިރު ﷲ ފިޔަވައި އެހެންފަރާތަކަށް އަޅުވެތިވުން ނިސްބަތްވާ ނަންނަން ނުކިޔުމަށާއި ޝިކުރުކުގެ ނަންތައް ނުކިޔުމާއި ގޯސް މާނަދޭހަވާ ނަންތައް ނުކިޔުމަށް އިލްތިމާސްކުރެއްވި އެވެ.

"ދެން އޮތީ ނުބައި މާނައެއް އޮތުން، މިސާލަކަށް ބޮޑާވެރި، ކިބުރުވެރި، މިސާލަކަށް ބަލަމާ ހިނގާ ޒިނޭކުރުމާއި އަޅުވައި މިކިޔަނީ ޒަނާ. އެހެންވީމަ ޒިނޭކުރުން މިމާނަ އޮންނަނަމެއް ނުކިޔޭނެ، އެއީ ބޮޑުފާފައަކަށް އޮންނަ ނަމެއް،" ޝެއިހް ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ވެބްސައިޓުތަކުން ފާޑުފާޑު ނަންތައް ނަގައި މާނައެއް ނެތްނަންތަކާއި ނުބައި މާނަ ހިމެނޭ ނަންތަކުގެ އިތުރުން އެހެންދީންތަކަށް ނިސްބަތްވާ ނަންތައް ރާއްޖޭގެ ކުދިންނަށް ކިޔުން ހުއްޓުވުމަށް އެކަށީގެންވާ ގައިޑްލައިންތަކެއް އެކުލަވާލަންޖެހޭކަމަށް ޝެއިހުން ވިދާޅުވި އެވެ.

އެގޮތުން ޝެއިހް ފަހުމީ ވިދާޅުވީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި އެ ގައިޑުލައިންތައް އާންމުކުރަން ޖެހެ އެވެ. ކޮންމެ ކޮންމެ ވެބްސައިޓަކުން ނަން ފާސްކުރުމުގެ ބަދަލުގައި ނަންތައް ފާސްކުރާނެ ވަކި ހާއްސަ މެކޭނިޒަމެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

ކޮންމެއަކަސް އާންމުވެފައި މި ވަނީ ކިތަންމެހާ ވެސް ނުރައްކާކަމެކެވެ. ކުދިންގެ އަހުލާގާއި ކިޔާނަމާއި ގުޅުން އޮންނަ އިރު މިއަދުގެ މުޖުތަމައުއިން ފެންނަމުންދަނީ ރަނގަޅު ނޫން ނަންތައް ކުދިންނަށް ކިޔަމުން އަންތަނެވެ. މީގެ ނޭދެވޭ އަސަރު މިމުޖުތަމައުއިން ފެންނަން ފަށާފާނެއެވެ. އެހެންކަމުން ނަން ފާސްކުރުމުގައި ދީނީ ހަރުދަނާ އުސޫލްތަކެއް ކަނޑައަޅަންޖެހެ އެވެ.