10 May 2011, 17:40
އައްޑޫގައި އަންނަ ބުރާސްފަތި ދުވަހު ބާއްވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓްގައި ހަތަރު ދާއިރާއަކާ ބެހޭ މައުލޫމާތުދީ، ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ދޭ ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސީ އައްޑޫ ސިޓީގައި ބޭއްވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވީ، ކޮމިއުނިޓީ ކެބިނެޓްގައި ދިނުމަށް ހަމަޖެހިފައިވާ ޕްރެޒެންޓޭޝަންތަކާ ބެހޭގޮތުންނެވެ.
ކޮމިއުނިޓީ ކެބިނެޓްގައި ޕްރެޒެންޓޭޝަން ދެއްވުމަށް ނިންމި މައިގަނޑު ހަތަރު ދާއިރާއަކީ، އިޖްތިމާއީ، އުމްރާނީ ތަރައްގީ، ހެޔޮވެރިކަން އަދި އިގްތިސާދީ ދާއިރާ އެވެ. އެއިން ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމަށްފަހު، އެ ދާއިރާއަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުއްވައިލާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ކޮމިއުނިޓީ ކެބިނެޓަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުން ކުރައްވާ ސުވާލުތަކަށް މަޖިލީހުގެ މެންބަރުން ޖަވާބު ދެއްވައި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ބައްދަލުވުންތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.