ދަރަނި ކުޑަކުރަން އެނގޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ބޮލަކަށް ޖެހޭ އާމްދަނީ އިތުރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

އެއްފަހަރާ ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކަށް ބޭރުގެ ލޯނު އެހީ ހޯދި ނަމަވެސް، އެކަމުގެ ނޭދެވޭ އަސަރު ފަހުން ރާއްޖެ އަށް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާދިނުމާ ގުޅިގެން އިކޮނޮމިކް ކައުންސިލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ ދަރަނި ކުޑަކުރާނެ ގޮތް ސަރުކާރަށް އެނގޭ ކަމަށާއި މިހާރު މިދާ ގޮތަށް ކުރިއަށްދެވޭ ކަމަށްވާ ނަމަ ޖީޑީޕީ ވެސް ރަނގަޅުކުރެވި މީހެއްގެ ބޮލަށް ޖެހޭ އަދަދު 12،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށެވެ.

"އެނގިތިބިގެން އަޅުގަނޑުމެން މިކަން މިކުރަނީ، ސަރުކާރުން ރައްޔިތުންނަށް ގެންނަންބޭނުންވާ ތަރައްގީ ގެނެވޭނެ ހަމައެކަނި ގޮތަކީ އަޅުގަނޑުމެންނަށްމި ޕުރޮޖެކްޓްތައް ހިންގައިގެން." މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި މިދިޔަ އަހަރު ހުރީ 73.1 ޕަސެންޓްގަ އެވެ. އަދި އެ އަދަދު މި އަހަރު ނިމޭ އިރު 83.1 ޕަސެންޓަށް އަރައި 2018 ވަނަ އަހަރާ ހަމަ އަށް ދާ އިރު އެ އަދަދު 109 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

މިހާރު ލޯނެއްގެ ގޮތުގައި ހުރި ކަންކަން އިސްވެންޓްމަންޓް ކަވަރުވުމުން އެސެޓަށް ބަދަލުވެގެންދިއުމާ އެކު ޖީޑީޕީ ކުރިއެރާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ. ޒިންމާދާރުކަމާ އެކު މިހިންގާ ޕްރޮޖެކްޓްތައް ހިންގިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިއީ "ރިސްކް" އެނގިތިބެ ކުރާކަމެއް ކަމަކަށްވާ އިރު ބޭކާރު ހަރަދެއް ނުކުރާ ކަމަށާއި މިއީ ރައްޔިތުންގެ ފައިދާ އަށް ކުރަމުން އަންނަ ކަންކަންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެރިޕޯޓް ބައެއް ފަރާތްތަކުން މާނަކުރަމުން އަންނަނީ އިސްވެސްޓަރުންނަށް ރަނގަޅު ނޫން މެސެޖެއް ލިބޭ ގޮތަށް ކަމަށާއި އިސްވެސްމަންޓްތަކުގެ ސަބަބުން ރާއްޖެ އަށް ނުރައްކަލެއް އޮތް ކަމަށް ވޯލްޑް ބެންކުގެ ރިޕޯޓުގައި ބުނެފައިނުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖޭގެ ދަރަނި ވޯލްޑް ބެންކުން ހިސާބް ކުރާގޮތާއި ސަރުކާރުން ހިސާބްކުރާ ގޮތާ ތަފާތުތަކެއް އުޅޭ ކަމަށެވެ. ވޯލްޑްބެންކުން ދަރަނި ހިސާބު ކުރަނީ ސަރުކާރުން ދީފައިވާ ގެރެންޓީތަކާއި ނުދެއްކި ހުރި ބިލްތައް ވެސް ހިމަނައިގެން ކަމަށާއި ސަރުކާރުން ދީފައިވާ ގެރެންޓީތަކަކީ ދަރަންޏަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑެތި ޕުރޮޖެކްޓްތަކަށް ނަގާ ލޯންތަކަކީ ވަރަށް ލުއިގޮތްގޮތަށް ހަމަޖެހިފައިވާ ލޯންތަކެއް ކަމަށާއި ދައުލަތަށް އެއްވެސް ބުރަކަމެއް ނެތި ދެއްކޭނެ ލޯންތަކެއް ކަމަށެވެ.

"ސައުދީ ފަންޑުންދޭ ލޯނަކީ 2.5 ޕަސެންޓުގައި 25 އަހަރުގެ މުއްދަތަށް ފަސް އަހަރުގެ ގުރޭސްގައިދޭ އެއްޗެއް، އިސްލާމިކް ޑިވެލޮޕްމެންޓް ބެންކުން ވެސް ދެނީ އެގޮތަށް، ޗައިނާ ސަރުކާރުން ދޭ ލޯންތަކަކީ ވެސް ވަރަށް ކޮންސެޝަން ލޯންތަކެއް." މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ލޯން ދައްކާ ދުވަސްކޮޅު ދަތިތަކާއި ކުރިމަތިވި ނަމަވެސް އެއިންވެސްޓްމަންޓްތަކަކީ ރާއްޖެއަށްލިބޭ ބޮޑު އެސެޓެއް ކަމަށާއި ޕުރޮޖެކްޓްތައް ނިމުމުން ކަރަންޓް އެކައުންޓްތައް ދަށްވެގެން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވެން އޮތީ އެއާޕޯޓްތައް އެޅިގެން ކަމަށާއި ޓޫރިސްޓުން ގެނެވޭނީ އޭރުން ކަމަށެވެ. އެއާޕޯޓްތަކާ އެކު ޓޫރިސްޓޫން ގެނެވުމުން އިންވެސްޓްމަންޓްތައް ކަވަރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.