11 May 2016, 15:55
ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ "މިސްޓާ ބްރެޑްޒް" ބްރޭންޑްގެ ބޭކަރީ އުފެއްދުންތަކާއި "ޒީޝާން" ބްރޭންޑުގެ މަސްމިރުސް ވިއްކުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ބްރޭންޑުގެ އުފެއްދުންތަކަކީ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ނުހޯދައި ގަވާއިދާ ހިލާފަށް ވިއްކަމުން ގެންދާ ކާބޯތަކެތި ކަމަށެވެ.
އަދި އެ ކާބޯތަކެތި އުފައްދާ ތަންތަނަކީ އާންމު ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް އެކަށީގެންވާ ތަންތަން ނޫން ކަމަށް ވެސް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.
"އެހެންކަމުން މި ކާބޯތަކެތި ބޭނުންކުރުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާ އަދި ކާބޯތަކެތީގެ ޒަރީއާ އިން ބައްޔެއް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެކެވެ." އޮތޯރިޓީގެ ބަޔާނުގައިވެ އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ އެ ދެ ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި އަންގައިފަ އެވެ.
އަދި އެ ކާބޯތަކެތި ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.