ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ޓީ ޓުވެންޓީ ޗެމްޕިއަންޝިޕުގެ ކުޅުން ފަށައިފި އެވެ.

ކުޅިވަރު އެކުވެނި އެއް ނަންބަރު ދަނޑުގައި އިއްޔެ ފެށި އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަންޓާސް އާއި ނިއު ސްޓާ ސްޕޯޓްސް ކްލެބެވެ. އެ މެޗު 44 ލަނޑުން ކާމިޔާބުކޮށްފައިވަނީ ނިއު ސްޓާ ސްޕޯޓްސް ކްލަބެވެ.

މެޗުގެ ޓޮސް ދިމާވެގެން ނިއު ސްޓާ ގަސްދުކުރީ ކުޅުމަށެވެ. ނިއު ސްޓާގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން 14.5 އޯވަރުގެ ތެރޭގައި ހެދުނީ 74 ލަނޑެވެ. މެޗުގައި ހަންޓާސްގެ ހޮސައިން ތިން ވިކެޓް ނެގިއިރު އަމީން ވަނީ ދެ ވިކެޓް ނަގައިފަ އެވެ. އަދި ސުޖޮން އާއި ޖުމޮން، އެއިން ކޮންމެ ކުޅުންތެރިޔަކު ވިކެޓެއް ނެގި އެވެ.

މޯލްޑިވްސް ޓީ ޓުވެންޓީ ޗެމްޕިއަންޝިޕުގައި ހަންޓާސް އާއި ނިއު ސްޓާ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 44 ލަނޑުން ކާމިޔާބުކުރީ ނިއު ސްޓާ ސްޕޯޓްސް ކްލަބު --- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޖަވާބުގައި ހަންޓާސްއިން ކުޅެން އަރައި، ހުރިހާ ކުޅުންތެރިން ނުވައިވެގެން ދިހަ އޯވަރުގެ ތެރޭގައި ހެދިފައިވަނީ 30 ލަނޑެވެ. ނިއު ސްޓާގެ މަފާޒް ތިން ވިކެޓު ނެގިއިރު، އަހްމަދު ވަނީ ދެ ވިކެޓު ނަގައިފަ އެވެ. އަދި އަހުސަމް އާއި ރާއިދު، އެއިން ކޮންމެ ކުޅުންތެރިޔަކު ވިކެޓެއް ނެގި އެވެ.

އެ މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 3:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނު ހައި ކޮމިޝަނާއި ދިވެހި ސިފައިން ކްލަބެވެ.

މޯލްޑިވްސް ޓީ ޓުވެންޓީ ޗެމްޕިއަންޝިޕުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ ނިއު ސްޓާ ކްރިކެޓް ކްލަބާއި، ހަންޓާސް ކްރިކެޓް ކްލަބާއި، އާރިޔަންސް ކްރިކެޓް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު އަދި ޕާކިސްތާނު ހައި ކޮމިޝަނެވެ.