ޑެންގީ ހުން ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު( ގައި ފަރުވާ ދެމުން ދިޔަ ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ސަން އަށް ވިދާޅުވީ، އެކުއްޖާ މަރުވެފައި ވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 12:10 އެހައިކަންހާއިރު ކަމަށެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެނެސްފައި ވަނީ ފ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މި މަހުގެ ތިން ވަނަ ދުވަހު ކަމަށާއި، ގެނައި އިރުވެސް ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޒީނަތު ވިދާޅުވި އެވެ.

"ގެނައި އިރުވެސް ހާޅު ވަރަށް ސީރިއަސް. ވަގުތުން އައިސީޔޫއަށް ގެންދިޔައީ،" ޒީނަތު ވިދާޅުވި އެވެ.

އެ ތުއްތު ކުއްޖާ އަކީ ދ. މީދޫއަށް ނިސްބަތްވާ ކުއްޖެކެވެ.

ޑެންޖީ ޖެހިގެން ތުއްތު ކުއްޖަކު މަރުވެފައި ވާއިރު، ގދ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގައި ޑެންގީ އަށް ފަރުވާ ކުރަމުން ދިޔަ 35 އަހަރުގެ އަންހެނަކުވެސް މި ހަފްތާގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

އަނެއްކާވެސް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ޑެންގީ ޖެހިގެން މީހުން ރިޕޯޓްކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 464 ކޭސް ހުށައަޅާފައިވާ އޭގެ 96 ޕަސެންޓްއަކީ ފުރާނައަށް ގެއްލުންނުވާ ޑެންގީ ހުމުގެ ކޭސްތައް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. އޭގެތެރެއިން 67 ޕަސެންޓް ކޭސް ހުށައަޅާފައި ވަނީ އަތޮޅުތެރެއިންނެވެ.

މާލެއާއި ހުޅުމާލޭގައި ޑެންގީ އިތުރުވި އިރު ކ. ކާށިދޫ އާއި ހއ. އިހަވަންދޫގައި ވެސް ޑެންގީ އިތުރުކަމަށް ރިޕޯޓްތަކުން ދައްކަ އެވެ.

މިދިޔަ އަހަރަކީ ޑެންގީގެ އައުޓް ބްރޭކް ކަމަށްވާ އިރު މިދިޔަ އަހަރު ވަނީ 1800 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.