11 May 2016, 15:21
ވެސްޓް ހާމް ޔުނައިޓެޑްގެ އަމިއްލަ ދަނޑު އަޕްޓަން ޕާކަށް ވަންނަން އުޅުމުގެ ތެރޭގައި މެންޗަސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ދަތުރުކުރި ބަހަށް ހަމަލާ ދިން ބަޔަކު ހޯދާ އެ ބަޔަކަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދޭނެ ކަމަށް ވެސްޓް ހާމް އިން ބުނެފި އެވެ.
އަޕްޓަން ޕާކް ބަންދު ކުރުމުގެ ކުރިން އެ ދަނޑުގައި ކުޅުނު ފަހު މެޗުގައި ވެސްޓް ހާމްއަށް ސަޕޯޓުކުރަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނަމުން ދިޔަ ވަގުތު ޔުނައިޓެޑްގެ ކުޅުންތެރިން ދަތުރުކުރަމުން އައި ބަހަށް އެއްވެފައިވާ ސަޕޯޓަރުންގެ ތެރެއިން ގިނަ އަދަދަކަށް ފުޅި އުކާފައިވާއިރު ކޯޗު ލުއިސް ވެން ހާލް އިން ގޮޑިއާ ދިމާލު ބިއްލޫރު ގަނޑު ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
"ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ޖަޒުބާތުގަ ޖެހި ތާރީހީ މެޗުން ޓީމު މޮޅު ކޮށްދިނުމަށް ކެތް މަދުވެފަ. 99 އިންސައްތަ ސަޕޯޓަރުން އަމަލުކޮށްފައިވަނީ ކުޅިވަރުގެ ރޫހާ އެއްގޮތް ވާގޮތުގެ މަތިން. އެކަމުގެ ސަބަބުން ވަރަށް ރަނގަޅު އަސަރެއް ޓީމަށް ވެސް ކުރި،" ވެސްޓްހާމް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ޔުނައިޓެޑްގެ ކުޅުންތެރިން ދަތުރުކުރި ބަހުގެ ބިއްލޫރި ގަނޑު ތަޅާލާފައި --- ފޮޓޯ: އޭޕީ
އެ ބަޔާންގައި ބުނީ، މަދު އަދަދެއްގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ފެނުނު ކަމަށާއި އެ ބަޔަކު ވަނީ ޔުނައިޓެޑް ކުޅުންތެރިން ދަތުރުކުރި ބަހަށް ހަމަލާދީ ބިއްލޫރި ގަނޑު ތަޅާލާފައި ކަމަށެވެ.
"އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައަށް ކުލަބުން މިދަނީ އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން. އެކަމުގެ ޒިންމާވާ ފަރާތްތައް އުމުރުދުވަހު ދަނޑަށް ނުވެދެވޭ ގޮތަށް ސަސްޕެންޑް ކުރާނަން،" ވެސްޓް ހާމްގެ ބަޔާނުގައިވެ އެވެ.
ރޭގެ އެ މެޗުން ވެސްޓް ހާމް އަތުން 3-2ގެ ނަތީޖާ އަކުން ޔުނައިޓެޑް ބަލިވިއިރު އެ ޓީމަށް ވަނީ ކުރިއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ވެސް ގެއްލިފަ އެވެ.
"ރޭގެ އެ ހަމަލާއާ ގުޅިގެން ވަރަށް ބޮޑު އަސަރެއް ވަނީ ޓީމަށް ކޮށްފަ. ނަމަވެސް މެޗުން ބަލިވި ސަބަބެއްގެ އުޒުރެއްގެ ގޮތުގައި އެކަން ދައްކާކަށް ބޭނުމެއް ނޫން،" މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ވެން ހާލް ބުންޏެވެ.
އޭނާ ބުނީ ޓީމު ދަތުރުކުރަމުންދިޔަ ބަހަށް ހަމަލާ ދިން ވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާ ކަމަށާއި ވީޑިއޯތަކުން ވަރަށް ރަނގަޅަށް ހުރިހާ މަންޒަރެއް ވެސް ފެންނަން އެބަހުރި ކަމަށެވެ.