11 May 2016, 14:34
މީޑިއާ ނެޓުން ވިތް ހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކުމުން ޖޫރިމަނާއާ އެކު ޖުމްލަ 2.7 މިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ދައްކަންޖެހޭ އެ ފައިސާ ހޯދުމަށް މީރާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ހުކުމް އިއްވީ އެ ފައިސާ ދައްކަންނުޖެހޭ ކަމަށެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ މީރާ އިން ހޯދަން އެދިފައިވާ ފައިސާ ބިނާވެފައި ވަނީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޕްލާންޓު، މެޝިނަރީ އިކުއިޕްމަންޓު، ނުވަތަ އެއާ އެއްފަދަ ވެގެންވާ ތަކެތީގެ މައްޗަށް ކަމުގައި ނުވާތީ ކަމަށް ބުނެއެވެ.
އެ ހުކުމް ބާތިލްކޮށް ހައިކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމްގައި ވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތައް ކަނޑައެޅުމަކީ ގާނޫނުން މީރާ އަށް ލިބިދީފައިވާ ބާރެއް ކަމަށެވެ.
އެގޮތުން ވިތް ހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފަސާގެ އަދަދު ކަނޑައަޅައި ނޯޓިސް އޮފް ޓެކްސް އެސެސްމެންޓު ފޮނުވުމުން އެ ނިނމުމަށް އިއުތިރާޒުކޮށް ލިޔުމުން މީރާ އަށް ފޮނުވާ ކަމަށް އެ ހުކުމްގައި ވެއެވެ. އަދި އެ ލިޔުން ފޮނުވުމުން ވިލްތު ހޯލްޑިން ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ އަދަދާއި އެ އަދަދު ދެއްކުމަށް މީޑިއާ ނެޓަށް އަންގާފައިވާ އެންގުމަކީ ގާނޫނާއި ގަވާއިދާ ޚިލާފަށް އަންގާފައިވާ އެންގުމެއް ނޫން ކަމަށް މީރާ އަށް ފެންނާތީ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓަށް ބަދަލުގެންނަން ނުޖެހޭ ކަމަށް ކަނޑައަޅައި މީރާގެ ނިންމުން މީޑިއާ ނެޓަށް ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
މީރާގެ އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެ ކަނޑައެޅިފައިވާ މުއްދަތުގައި އެކަން މީޑިއާ ނެޓުން ކޮށްފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.