11 May 2016, 14:52
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބޭއްވި ފްރެންޗައިސް ޝޯ، މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި، އެކަމާއި ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ދިރާގަކީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ވެސް ޓައިޓްލް ސްޕޮސަރެވެ.
މިއަދު ޓީވީ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ދިރާގުގެ ސީއީއޯ އަދި އެމްޑީ ވިދާޅުވީ ޝޯގެ ޓައިޓްލް ސްޕޮންސަރުކަން ނެގުމަކީ ވިޔަފާރިއެއް ނޫން ކަމަށާއި، އެއީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ އެމްޑީ ވިދާޅުވީ ދެވަނަ ސީޒަނުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޝޯގެ ކޮލިޓީ އުފެއްދުމަށް ކަމަށާއި، އައިޑަލްގެ ފުރަތަމަ ތިން ސީޒަން ނިމޭ އިރު ރާއްޖޭގެ ލަވަކިއުމުގެ ދާއިރާއަށް 30 ފަންނާނުން ނެރުމަކީ ޝޯގެ އެއް އަމާޒު ކަމަށެވެ.
މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޕްރޮޖެކްޓް މެނޭޖަރު އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ ފުރަތަމަ ސީޒަންގައި ފާހަގަކުރެވިފައިވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހު، އައިޑަލްގެ ދެވަނަ ސީޒަނުން ފެންވަރު ރަނގަޅު ޝޯތަކެއް ފެނިގެންދާނެ ކަމަށެވެ.
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ އޮޑިޝަންތައް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅުގަ އެވެ. ފުރަތަމަ ސީޒަނާ ހިލާފަށް ކުރިއަށް އޮތް ސީޒަނުގެ އޮޑިޝަންތައް ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޝާޔަން ވިދާޅުވި އެވެ.
މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނަށް ލަވަކިޔުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކަކުންނެވެ. ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން އޮޑިޝަންތަކަށް ގޮސް ލަވަކިޔާފައިވާއިރު ޝޯގެ ދެ ވަނަ ރައުންޑް، ތިއޭޓާ ރައުންޑަށް 45 ލަވަކިޔުންތެރިން ނެގި އެވެ.
މޮޅު ހުށަހެޅުންތަކަކަށް ފަހު، ގިނަ ބައިވެރިންނާ ވާދަކޮށް ސީޒަން އެކެއްގެ ޓައިޓްލް އުފުލާލީ، އޮޑިޝަނާ ހިސާބުން ފެށިގެންވެސް އެތައް ބަޔަކު ހައިރާންކޮށްލި ލައިޝާ ޖުނައިދު އެވެ.