10 May 2011, 17:20
ޑޮލަރުގެ އަގުބޮޑުވުމާ ގުޅިގެން މާލޭގެ ބައެއް ކްލިނިލްތަކުން ޑޮކްޓަރަކަށް ދައްކާ އަގު ޑަބަލް ބޮޑުކޮށް، ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކޮށްފި އެވެ.
މާލޭގެ ބައެއް ކްލިނިލްތަކުން ބުނީ ރަޖިސްޓްރޭޝަން ފީގެ އިތުރުން އެ ކްލިނިކްތަކުންދޭ ލެބޯޓްރީގެ ހިދުމަތާއި ސްކޭން އަދި އެނޫން ވެސް އެފަދަ އެހެނިހެން ހިދުމަތްތަކުގެ އަގު ބޮޑުކޮށްފައި ވަނީ ޑޮކްޓަރުންގެ މުސާރަ ވެސް ޑޮލަރުން ދޭންޖެހޭތީއާ ބައެއް ކަހަލަ ތަކެތީގެ އަގު ބޮޑުވެފައިވާތީ ކަމަށެވެ.
މާޔާ ކްލިނިކުން ބުނީ މި މަހުން ފެށިގެން ޙާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ދައްކަންޖެހޭ ފީ 200ރ. އިން 400ރ. އަށް ޖައްސާފައިވާއިރު ލެބޯޓްރީ ހިދުމަތްތަކުގެ ކުރީގެ އަގަށް 75 ޕަސެންޓް އިތުރުކޮށް ކޮންމެ ސްކޭނަކަށް އިތުރު 50 ރ. ލާފައިވާނެ ކަމަށެވެ.
~
މާލޭގެ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަންދާ ދި- ކްލިނިކުން ބުނީ މިދިޔަ ހަތްފާގައި ޑޮކްޓަރަށް ދައްކަން ނަގާ ފީ 200ރ. އިން 300 ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެހެނިހެން ހިދުމަތްތަކުގެ އަގުތަކަށް އަދި އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށްވެސް ބުންޏެވެ.
ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން ވެސް ދައްކާ އޭއެމްޑީސީ ކްލިނިކްގެ އޮފިޝަލަކު މިއަދު ބުނީ އެ ކްލިނިކުން ހާއްސަ ޑޮކްޓަރަކަށް ދައްކަންޖެހޭ ފީ 200ރ. 250 ރ. ޖައްސާފައިވާ ކަމަށެވެ. އަދި ޖެނެރަލް ޑޮކްޓަރެއްގެ ފީ ކުރިން 170ރ. ގައި ހުރިނަމަވެސް މިހާރު 175 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެތަނުގައިވެސް އެހެނިހެން ހިދުމަތްތަކުން އަގުތައް އުފުލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްލިނިކްތަކުން ޑޮކްޓަރަށް ދައްކާ ފީގެ އަގު ބޮޑުކޮށްފައި މިވަނީ ޑޮލަރު އަގު ބޮޑުވުމާ ގުޅިގެން މިމޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޑީކޭ އިން ދޭ ބައެއް ހިދުމަތްތަކުގެ އަގު ފަސް ޕަސެންޓާ އި 15 ޕަސެންޓާ ދެމަށް ބޮޑުވެފައި ވަނިކޮށެވެ.
ިޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސްސަސް އިބްރާހިމް ޔާސިރު ވިދާޅުވީ ކްލިނިކްތަކުން އަގުތައް ބޮޑުކޮށްފައި ވަނީ އެމިނިސްޓްރީގެ ހުއްދައެއް ނުހޯދައި ގަވާއިދާ ހިލާފަށް ކަމަށެވެ. ކްލިނިކްތަކުން ޑޮލަރު އަގުބޮޑުވެގެން އެކަމުގެ ޝަކުވާ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައި ކަމަށާއި ނަމަވެސް އަގުތައް ބޮޑު ކުރުމަށް ހުއްދަ ދީފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެކަމާ މެދު އަޅާނެ ފިޔަވަޅާ ބެހޭ ގޮތުން މަސްވަރާކުރަމުން ދަނިކޮށް އަގުތައް ބޮޑުކުރީ. ގަވާއިދުން ހުއްދަ ނުހޯދައި އަގުތައް ބޮޑުކުރި މައްސަލާގައި އަޅާނެ ފިޔަވަޅަކާ މެދު މިހާރު މަޝްވަރާކުރަމުން މިގެންދަނީ. މިރޭ މިނިސްޓްރީން އެކަމާ ބެހޭ ނޫސްބަޔާނެއް ނެރޭނެ،" ޔާސިރު ވިދާޅުވި އެވެ.