11 May 2016, 14:21
ފައިސާ ސިއްރުކޮށްގެން ގެންގުޅުމަށް މަދުން ޓެކްސް ދައްކަން ޖެހޭ ނުވަތަ އެއްވެސް ވަރަކަށް ޓެކްސް ދައްކަން ނުޖެހޭ ގައުމުތަކުގައި ޝެލް ކުންފުނިތައް އުފައްދައި ފައިސާ އެކައުންޓުތައް ގެންގުޅުމަށް އެހީތެރިވެދޭ ޕެނަމާގެ ލޯ ފާމެއް ކަމަށްވާ މޮސެކް ފޮންސެކާ އިން ހިދުމަތް ހޯދި ފަރާތްތަކުގެ ތެރޭގައި ދިވެހިން ޝާމިލުވާކަން ހާމަވެއްޖެ އެވެ.
ދުނިޔޭގެ މުއްސަނދި ބައެއް ޝަހުއްސިއްޔަތުން ޓެކްސް ދެއްކުމުގައި ފައިސާއާ ގުޅޭ ގާނޫނާ ހިލާފު މުއާމަލާތްތައް ކުރުމަށް އުފައްދާ އޮފްޝޯ އެކައުންޓުތަކުގެ މައުލޫމާތު ހިއްސާ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ކޮންޒޯޓިއަމް އޮފް އިންވެސްޓިގޭޓީވް ޖާނަލިސްޓުސް (އައިސީއައިޖޭ) އިން އެންމެ ފުރަތަމަ ލީކު ކޮށްލި ޑޮކިއުމެންޓުތަކުގައި އޮފްޝޯ ކުންފުނިތަކާ ގުޅުން ހުރި ދިވެއްސެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ނަމެވެ. ޖަނާހު ފާހަގަ ކޮށްފައި ވަނީ އޮފްޝޯ ކުންފުންޏެއް އުފައްދަން ބޭނުންވާ ފަރާތަކަށް އެހީވެދޭ މެދުވެރިއެއްގެ ގޮތުގަ އެވެ.
ހޯމަ ދުވަހު އައިސީއައިޖޭ އިން ވަނީ އަނެއްކާ ވެސް އާޕެނަމާ ޕޭޕާސްތަކެއް ލީކުކޮށްލައިފަ އެވެ. އޭގެ ތެރޭގައި މޮސައިކް ފޮންސެކާ އޭޖެންޓެއްގެ ގޮތުގައި އޮވެ އުފައްދާފައިވާ ކުންފުނިތަކުގައި ޝާމިލުވެފައިވާ ދިވެހިންނާއި އެމީހުން ޝާމީލުވެފައިވާ ކުންފުނިތަކަކީ:
އަހުމަދު އުމަރު މަނިކު، މ.އިރުފޮހޭގެ، ކ.މާލެ: ބްރިޓިޝް ވާޖިން އައިލެންޑްސްގެ (މިހާރު އުވާލާފައިވާ) ސްކަޓޯލާ ފައިނޭންސް ލިމިޓެޑްގެ ހިއްސާދާރެއް
ހަމްޒާ އަހުމަދު، އަލަނާސިއާގެ، ސ.މަރަދޫފޭދޫ: ބްރިޓިޝް ވާޖިން އައިލެންޑްސްގެ ސައުތް ޕެރަޑައިމް ލިމިޓެޑްގެ ހިއްސާދާރެއް
އަހުމަދު މާހިރު، މއ.ރައުފަތުގެ، ކ.މާލެ: ބްރިޓިޝް ވާޖިން އައިލެންޑްސްގެ ލޯންގްވެލް އިންޓަނޭޝަނަލް ލިމިޓެޑްގެ ހިއްސާދާރެއް
ސަންޖޭ އިބްރާހިމް މަނިކު، މ.ސައްކެޔޮގަސްދޮށުގެ، ކ.މާލެ: ބްރިޓިޝް ވާޖިން އައިލެންޑްސްގެ ލޯންގްވެލް އިންޓަނޭޝަނަލް ލިމިޓެޑްގެ ހިއްސާދާރެއް
ޑރ. އިބްރާހިމް އުމަރު މަނިކު، މ.ސައްކެޔޮގަސްދޮށުގެ، ކ.މާލެ: ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޕާމް ޓްރީސް ހޮޓެލްސް އޯވަސީސް ލިމިޓެޑްގެ ހިއްސާދާރެއް
އަލީ އިސްމާއިލް ޝިޔާމް އަބްދުﷲ، ތްރީއޭ ވިލާ، ކ.މާލެ: ބްރިޓިޝް ވާޖިން އައިލެންޑްސްގެ ސައުތް ޕެރަޑައިމް ލިމިޓެޑްގެ ހިއްސާދާރެއް
މީގެ އިތުރުން، ރާއްޖެއާ ގުޅުން ހުރި ގޮތެއްގައި އޮފްޝޯ ކުންފުނިތަކުން ހިދުމަތް ހޯދާފައިވާ، ބޭރު ގައުމުތަކަށް ނިސްބަތްވާ އިތުރު 11 ފަރާތެއްގެ ނަން ލީކުކޮށްފައިވާ ޑޮކިއުމެންޓުތަކުގައިވެ އެވެ.