11 May 2016, 15:26
ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ، އަދި އެއް ރަށުގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރުމަށް، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ އާދެމެދު މިއަދު ސޮއި ކުރީ ބ.ތުޅާދޫ، ރ.ހުޅުދުއްފާރު، ނ.ވެލިދޫ، އަދި ގއ.ކޮލަމާފުށީގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތުގެ އިތުރުން ގދ.ގައްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށެވެ.
ސެންޓްރަލް ހޮޓެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ.
މިއަދު ސޮއި ކުރި ނުވަ މަޝްރޫއަށް ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ދައުލަތުގެ ބަޖެޓުންނާއި އޮޕެކް ފަންޑު ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު (އޮފިޑް) ގެ ލޯނު އެހީގެ ދަށުންނެވެ.
މަޝްރޫއުގެ ޖުމްލަ އަގަކީ 312 މިލިއަން ރުފިޔާ އެވެ. ފަސް ރަށުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެކު އެކީގައި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ، އަދި އެއް ރަށުގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރުމަށް، އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ބަޔަކު ހޯދަން ހުޅުވާލި ބީލަމަކީ ރާއްޖޭގެ ނެޝަނަލް ޓެންޑާ ބޯޑުން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބީލަމެއް ކަމަށެވެ.
ބީލަމު މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މަޝްރޫއަށް ފައިސާ ހަމަޖައްސައިދީފައިވާ އޮފިޑްގެ ޕްރޮކިއުމަންޓް އުސޫލުތަކާއި އެއްގޮތަށް، އިންޓަނޭޝަނަލް ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއި އެކުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި އެރަށްތަކަށް ބޭނުންވާ ފެނުގެ ނިޒާމުގެ ނެޓްވޯކް ގާއިމު ކުރުމާއި، ފެން ޕްލާންޓު ބެހެއްޓުމާއި، ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ނަރުދަމާ ނިޒާމުގެ ނެޓްވޯކް ގާއިމު ކުރުމާއި، ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓު ބެހެއްޓުމާއި ގެތަކަށް ޚިދުމަތް ގުޅައިދިނުން ހިމެނެ އެވެ.

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ، އަދި އެއް ރަށުގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރުމަށް، އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޑީ ފަޒުލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ފަސް ރަށުގެ އަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 540 ދުވަހެވެ. އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނީ، އަމާޒަކީ 2017 ވަނަ އަހަރު ނިމުމުގެ ކުރިން މިއަދު މަސައްކަތް ހަވާލު ކުރި ފަސް ރަށުގައިވެސް ހިދުމަތް ދޭން ފެށުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ، އެ ކުންފުންޏަކީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މިވަގުތު ރާއްޖޭގައި އޮތް އެންމެ ގާބިލް އެއް ކުންފުނި ކަމަށެވެ. އަދި އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކޮންމެ ޕްރޮޖެކްޓެއްވެސް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމައި ހަވާޅު ކުރާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.