އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑް އަތުން 3-2ގެ ނަތީޖާ އަކުން މެންޗަސްޓާ ޔުނައިޓެޑް ބަލިވެ ގަދަ ހަތަރެކަށް އެރުމުގެ އަމިއްލަ ބާރު އެ ޓީމަށް ގެއްލިއްޖެއެވެ.

ރޭގެ އެ ބައްޔާއެކު ޔުނައިޓެޑް އޮތީ 63 ޕޮއިންޓާއި އެކު ތާވަލުގެ ފަސް ވަނާގައެވެ. ހަތަރު ވަނާގައި 65 ޕޮއިންޓާއި އެކު މެންޗަސްޓާ ސިޓީ އޮތް އިރު ތިން ވަނާގައި 68 ޕޮއިންޓާއި އެކު އޮތީ އާސެނަލް އެވެ. ޔުނައިޓެޑް އަތުން މޮޅުވި ވެސްޓްހަމް އޮތީ 62 ޕޮއިންޓާއި އެކު ތާވަލުގެ ހަ ވަނާގައެވެ.

ލީގްގައި ބާކީ ކޮންމެ ޓީމަކަށް ވެސް އެއް މެޗު އޮތް އިރު ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރޭނީ ސިޓީ ކުޅޭ ފަހު މެޗުން އެ ޓީމް ބަލިވެ އޭއެފްސީ ބޯންމައުތު އަތުން ޔުނައިޓެޑް މޮޅުވެގެންނެވެ.

ވެސްޓްހަމްގެ އަޕްޓޮން ޕާކް ބަންދު ކުރުމުގެ ކުރިން އެ ދަނޑުގައި ކުޅުނު ތާރީހީ މެޗު ފެށިގެން 10 ވަނަ މިނެޓްގައި ސާކޯ ވަނީ އެ ޓީމަށް ލީޑްނަގާދީފައެވެ. އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގެ 51 އެއް ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި 72 ވަނަ މިނެޓްގައި މާޝިއަލް ވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ލީޑް ނަގައިދީފައެވެ.

ޔުނައިޓެޑުން ލީޑު ނެގިތާ ހަތަރު މިނެޓް ފަހުން އެންޓީނިއާ ވަނީ ވެސްޓްހަމް އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ވިންސްޓަން ރީޑް ވަނީ ވެސްޓްހަމް އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދީ އެ މެޗުން ތިން ޕޮއިންޓް ހޯދައިދިން ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.

ރޭގެ މެޗަށް ޔުނައިޓެޑްގެ ކުޅުންތެރިން އައި މަގުމަތީ އެ ޓީމް ދަތުރުކުރި ބަހަށް ވެސްޓްހަމްގެ ސަޕޯޓަރުން ވަނީ ހަމަލާ ދީފައެވެ.