ދ. ކުޑަހުވަދޫގައި ހިންގާ ޕީޕީއެމްގެ ޖަގަހަ އާއި އެމްޑީޕީ ޖަގަހަ ހިންގާ ދެ ބިމަކީ ބަންޑާރަ ބިންތަކަށް ވާތީ އެ ދެ ޖަގަހަ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ކުޑަހުވަދޫ ކައުންސިލުގެ އިދާރާ އިން ލިޔުމުން ފުލުހުންނަށް އެންގުމުން އެ ރަށުގައި ހިންގާ ޕީޕީއެމާއި އެމްޑީޕީގެ ޖަގަހަ ރޫޅާލުމުގެ މަސައްކަތް ފުލުހުން މިއަދު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ޖަގަހަ ހުރި ބިމަކީ އެ ރަށު ކައުންސިލުގެ ދެ ބިމެކެވެ. އެހެންކަމުން ކައުންސިލުން އެ ދެ ބިން ބޭނުންވެގެން އެ ދެ ޕާޓީގެ ޖަގަހަ އެތަން ތަނުން ނެގުމަށް ނޯޓިސް ވެސް ވަނީ ފޮނުވާފައިވާ ކަން ވަނީ އެނގިފަ އެވެ.

ކުޑަހުވަދޫ ކައުންސިލުގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް "ސަން" އަށް މިއަދު ވިދާޅުވީ ޕީޕީއެމާއި އެމްޑީޕީގެ ޖަގަހަ ހުރި ދެ ބިމަކީ އިޖުތިމާއީ ކަންކަމަށް ބިން ދޫކުރުމަށް ހުރި ސަރަހައްދުގައިވާ ދެ ބިން ކަމަށެވެ. އަދި ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ބުނަނީ އިޖުތިމާއީ ކަންކަމަށް ހުންނަ ބިންތަކުގައި ސިޔާސީ ހަރަކާތްތައް ނުހިންގޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ޕާޓީ ނޫނަސް ކުޑަހުވަދޫގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ ސިޔާސީ ޕާޓީތަކާ އެކު ކައުންސިލުން އެކަމާ ގުޅިގެން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ މަޝްވަރާގައި ޕާޓީތަކުން އަމިއްލަ އަށް ޖަގަހަ ރޫޅާލުމަށް އެއްބަސްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިނީ އެއްމަސް ދުވަަސް. އެއް މަސް ދުވަހު ދިނީމާ އެބޭފުޅުން [ސިޔާސީ ޕާޓީތަކުން] ބައެއް އެއްޗެހި ޖަގަހަތަކުން ނެރެފައި، އަނެއްބައި އެއްޗެހި ނުނެރެ އެގޮތަށް ހުރީ މުޅިތަން ރޫޅާނުލައި ހުރީ. އެހެންވީމާ އެ މައްސަލައިގާ އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު ފުލުހުން މިއަދު އެ ދަނީ އެކަން އެގޮތަށް ކުރަމުން." ޒަމީރު ވިދާޅުވި އެވެ.