ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ދެ މީހުން ވެސް ޝަރީއަތުގެ މަޖިލީހުގައި މިއަދު ކުށަށް އިންކާރުކޮށްފި އެވެ.

ޝަރީއަތް ފެށުމާ އެކު ގާޒީ މުހްތާޒް މުހްސިން ވިދާޅުވީ ދައުވާ ލިބޭ ލ. ގަން، ސްނޯރޯސް، މާދިހު މުހައްމަދު [ނުރައްކާތެރި ކަމަށް ބުނާ މީހެއް] އާއި ގދ. ރަތަފަންދޫ، އެއްގަމުގޭ، އަހުމަދު ޝަރީފަށް މީގެ ކުރިން ވެސް ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް ވަކީލަކު އައްޔަންކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވަކީލުން އައްޔަންކޮށްފައި ނުވަނީ ކީއްވެތޯ ގާޒީ އެއްސެވުމުން އެ ދެ މީހުން ވެސް ބުނީ މިހާތަނަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު ގާޒީ ވިދާޅުވީ ވަކީލަކު އައްޔަން ކުރުމަށް މީގެ ކުރިން ވެސް ތިން ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށާއި "ޝަރީއަތަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫން" ކަމަށެވެ. އަދި މިއަދު ދައުވާ އަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް އެންގުމާ އެކު ދައުވާ އިއްވުމަށް ދައުލަތުގެ ވަކީލަށް ވެސް އެންގެވި އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ އިއްވަމުން ވަކީލު މަހާޒް އަލީ ޒާހިރު ވިދާޅުވީ ފެބްރުއަރީ 24، 2011 ގައި ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން އިސްމާއިލް ފިރުދޯސް ކިޔާ މީހެއްގެ ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން އެ ދެ މީހުން ހަމަލާދީފައިވާ ކަމަށެވެ. އެހެންކަމުން ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ހ.ގެ ދެ ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ށ.ގެ ދަށުން ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލީ ކަމަށް ވަކީލު ވިދާޅުވި އެވެ.

ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ހ.ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގައި ށ. ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

ދައުވާއަށް އިންކާރު ކުރުމަށް ފަހު ޝަރީފް ބުނީ އޭނާ އެ މާރާމާރީގައި ބައިވެރިވެސް ނުވާ ކަމަށާއި "ކޭންޑީސް" ކިޔާ ތަނަކުން ކޮފީ ބޮއެގެން ނުކުތް ތަނާ ފުލުހުން ހައްޔަރު ކުރީ ކަމަށެވެ. މާދިހު ބުނީ އޭނާ ހުޅުމާލޭގައި އަދާ ކުރާ ވަޒީފާ ނިންމާފައި މާލެ އައި ވަގުތު ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށާއި ބަޔަކު އޭނާއާ ދިމާލަށް އައުމުން ދުއްވައިގަތިން ކަމަށެވެ. އެކަމަކު ޒަހަމްވި މީހާއާ 10 ފޫޓު ކައިރިއަށް ވެސް އޭނާ ގޮސްފައި ނުވާނެ ކަމަށް މާދިހު ބުންޏެވެ.

އެ ދެ މީހުން ވެސް ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ސީސީޓީވީ ފުޓޭޖާއި އަނިޔާވި މީހާގެ މެޑިކޯ ލީގަލް ރިޕޯޓް ހުށަހަޅައިފަ އެވެ. އަދި ފަހުން ޑީއެންއޭ ތަހުލީލް ރިޕޯޓް ހުށަހަޅުއްވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އޭގެ އިތުރުން ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ހެކިން ސިޓީއަކުން ހުށަހަޅުއްވާނެ ކަމަށެވެ.
ގާޒީ ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ހެކިން ހިމާޔަތް ކުރުމަށް އެދިފައިވާތީ އެއްވެސް ހެއްކެއްގެ ނަން ޝަރީއަތުގައި ހާމަ ނުކުރައްވާނެ ކަމަށެވެ. އަދި ހެކިންގެ ހެކިބަސް ނަގާނީ އޯޑިއޯ ލިންކެއް މެދުވެރިކޮށް އަޑު ބަދަލުކޮށްގެން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދިފާއުގައި ހެކި ހުށަހެޅުމަށް ގާޒީ ވަނީ މާދިހާއި ޝަރީފަށް ތިން ދުވަހުގެ ފުރުސަތެއް އަރުވައިފަ އެވެ. އަދި އެ މުއްދަތު އިތުރުކޮށްދިނުމަށް ޝަރީފް އެދުމުން ގާޒީ ވިދާޅުވީ އެ މުއްދަތު އިތުރުކޮށްނުދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ޝަރީފަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ކޯޓުން ނެރެފައިވާ މީހެކެވެ. ދައުލަތުން ވިދާޅުވީ ޝަރީފުގެ އިތުރުން މާޖިދަކީ ވެސް މުޖްތަމައަށް ނުރައްކާތެރި މީހެއް ކަމުން އޭނާ ވެސް ބަންދުގައި ބެހެއްޓުމަށް އެދޭ ކަމަށެވެ. އެކަމަކު މާދިހު ވަނީ އޭނާއަކީ އެފަދަ އެއްވެސް މާރާމާރީއެއްގައި ބައިވެރިވާ މީހެއް ނޫން ކަމަށް ބުނެ އެކަމާ ދެކޮޅު ހަދައިފަ އެވެ.

ގާޒީ ވިދާޅުވީ މުޖްތަމައުގެ ހާލަތަށާއި މި ދުވަސްކޮޅު ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީ މާހިދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ.