މި މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމުގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓާ ގުޅޭ މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަނެއްކާ ވެސް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކޮމުން ރާއްޖެ ޓީވީ އަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ޕްރޮގްރާމުގައި ދައުލަތުގެ އިސްވެރިންގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ވާހަކަތައް ދައްކާފައިވާ ކަމަށާއި އެހެންކަމުން ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިކްސްގެ ތިން ވަނަ ހަމައިގެ އެކަކާ ހިލާފުވެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ތިން ވަނަ ހަމައިގައި ބުނެފައި ވަނީ މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރި ކުރަން ޖެހޭނެ ވާހަކަ އެވެ. އެ ހަމައިގެ އެކެއްގައި ބުނެފައި ވަނީ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓު ނުކުރެވޭނެ ކަމަށެވެ.

"މަތީގައި ދެންނެވުނު މާއްދާއާ ތިޔަ ފަރާތުން ފޮނުވި ކޮންޓެންޓް ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށް ލިޔެފައިވީ ނަމަވެސް ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާކަން ނުވަތަ ނޫންކަން އަދި ކޮމިޝަނުން ނިންމާފައި ނުވާ ކަމަށާއި އެކަން ނިންމާނީ މި މައްސަލަ ބަލައި ނިމުމުން ކަމުގައި ވެސް ދަންނަވަމެވެ. މި މައްސަލަ ބަލައި ނިމެންދެން ހަވާލާ ދެވުނު ކޮންޓެންޓް ރައްކާކޮށްފައި ބެލެހެއްޓުމަށް މި ފުރުސަތުގައި ދަންނަވަމެވެ." ބްރޯޑްކޮމް އިން ރާއްޖެ ޓީވީ އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް އަބުރާ ބެހޭ ގޮތުން ރާއްޖެ ޓީވީ އިން ބުނީ ކޮން ވާހަކައެއް ކަމެއް އަދި އަބުރާ ބެހުނީ ކާކުގެ ކަމެއް ކޮމިޝަނަކުން ނުބުނެ އެވެ.

ސިޓީގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅޭ ގޮތުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން އެ ކޮމިޝަނަށް ރާއްޖެ ޓީވީން ލިޔުމުން ޖަވާބުދާރީވުމަށް އެދޭ ކަމަށެވެ. އެ މުއްދަތުގައި ޖަވާބުދާރީވުމަށް އުޒުރުވެރިވާ ނަމަ ސަބަބު ބަޔާންކޮށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދޭ ކަމަށް ބްރޯޑްކޮމްގެ ސިޓީގައި ބުނެފައިވެ އެވެ.

ރާއްޖެ ޓީވީ އަށް ބްރޯޑްކޮމުން ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ ޖަވާބުދާރީވާން ބުނެފައިވާ ދުވަހު ޖަވާބުދާރީ ނުވެ، އަދި ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހަނާޅާ ނަމަ މައްސަލަ ބަލައި ނިންމާނެ ކަމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ޓީވީގެ ފަލަ ސުރުހީއާ ގުޅޭ މައްސަލައެއް ބްރޯޑްކޮމުން ބަލަމުންދާ އިރު މިދިޔަ މަހު ވެސް ހަމަ އެ ޕްރޮގުރާމާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އެގޮތުން ރާއްޖެ ޓީވީ އިން ގެނެސްދެމުން އަންނަ "ފަލަ ސުރުޚީ" ޑިލޭއަކާ އެކު ނޫނީ ދެން ބްރޯޑްކާސްޓް ނުކުރުމަށް އެންގުމަށާއި އެ އިންތިޒާމު ހަމަޖެއްސެން ނެތް ނަމަ އެ ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް އެ ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ އަށް އަންގައިފަ އެވެ.

ހަމައެއާ އެކު ސްރީލަންކާގެ ފާދިރީއެއް ކަމުގައިވާ އަސޭލާ ވިކްރަމަ ސިންހަ މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ޑޮކިއުމެންޓްރީއެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރި މައްސަލައެއް ވެސް ބްރޯޑްކޮމުން ވަނީ ބަލައިފަ އެވެ. އަދި އެ މައްސަލާގައި ރާއްޖެ ޓީވީން ވަނީ މައާފަށް ވެސް އެދިފަ އެވެ.