ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމާއި ސިވިލް ސާވިސްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަކީ މުޅިން ދެ ކަމެއް ކަމަށާއި ސިވިލް ސާވިސްގެ މަގާމުތަކުގައި ސިޔާސީ އެކްޓިވިސްޓުން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބާއްވާ ދެ ވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަކީ ސިވިލް ސާވިސްގެ މައިގަނޑު ސިޔާސަތަށް ވާން ޖެހޭނެ ކަމަށެވެ.

"އެހެން ނަމަވެސް ވަކި ފިކުރަކަށް ސަޕޯޓު ކުރާތީ އެކަކު އަނެކަކާ ދޭތެރޭ ހަމަނުޖެހުން އުފެދުމަކީ ވެގެން ވާނެ ކަމެއް ނޫން. ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމާއި ސިވިލް ސާވިސްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމާ މިއީ މުޅިން ދެ ކަމެއް. އެހެންވީމާ އަޅުގަނޑުވެސް ގަބޫލުކުރަން ސިވިލް ސާވިސްގެ މަގާމުގައި ސިޔާސީ އެކްޓިވިސްޓުން ތިބުމަކީ ރަނގަޅު ކަމެއް ނޫން،" ޑރ.ވަހީދު ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ދެވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސާވިސްގެ ކޮމިޝަންގެ ރައީސް ޝަމީމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އެމަނިކުފާނު ވިދާޅުވީ އެ މީހަކު ގަބޫލުކުރާ ފިކުރެއް ދެމެހެއްޓުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި އެހެން ނަމަވެސް މަސައްކަތުގެ ތެރެއަށް ސިޔާސީ ފިކުރު ވެއްދުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

އަދި ހަމަޖެހޭ، ހަރުދަނާ، ވަރުގަދަ ސިވިލް ސާވިސް އަކީ ޑިމޮކްރަސީއެއް އުފައްދައި ދެމެހެއްޓުމަށް ޓަކައި އެންމެ މުހިންމު ކަންތައް ކަމަށާއި ސިޔާސީ ގޮތުން ރާއްޖެ އަށް ލޮޅުމެއް އައި ނަމަވެސް، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ސިވިލް ސާވިސްގެ ފަރާތުން މެދުކެނޑުމެއް ނެތި ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމެއް، ދިވެހިރާއްޖެ އަށް ސިޔާސީ ގޮތުން ލޮޅުމެއް އަޔަސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ސިވިލް ސާވިސްގެ ފަރާތުން މެދުކެނޑުމެއް ނެތި ދެމުން ގެންދާނެ. އެ ޔަގީންކަން މިއަދު އަޅުގަނޑުމެންނަށް އެބަ އޮތް. އެކަން އެހެން ވަނީ ސިވިލް ސާވިސް ކުރިއެރުމަށް ޓަކައި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވާފައި ވާތީ،" އެމަނިކުފަނު ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބާއްވާ ދެވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ޑރ. ވަހީދުގެ ވާހަކަފުޅުގައި ސިވިލް ސާވިސް ރާއްޖޭގައި އުފެދިގެން އައި ދުވަސްވަރާ އަޅާބަލާއި ދިވެހި ސިވިލް ސާވިސް އަށް މިހާރު ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

ޑރ. ވަހީދު ވިދާޅުވީ ސިވިލް ސާވިސް ވަޒީފާ އާ ބެހޭ ގޮތުން މީހުން ގަބޫލުކުރާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިވިލް ސާވިސް އަކީ ވަގުތީ ގޮތުން އެހެން ވަޒީފާއެއް ލިބެން ދެން ގަބޫލުކުރާ ވަޒީފާއެއްގެ ގޮތުގައި ގަބޫލު ކުރުމުގެ ބަދަލުގައި އެއީ ހިދުމަތެއް ކަމަށް ގަބޫލުކުރަން ޖެހޭކަން ޑރ. ވަހީދު ފާހަގަކުރެއްވި އެވެ.

"ސިވިލް ސާވިސްގެ ވަޒީފާ އަކީ ހިދުމަތެއް ކަމަށް، އެއީ ކެރިއާއެއް ނުވަތަ ރޮނގެއް ކަމަށް، އަލަށް ސިވިލް ސާވިސް އަށް ވެދެވަޑައިގަންނަވާ ބޭފުޅުން އެބަ ޖެހޭ ގަބޫލު ކުރައްވަން،" ޑރ.ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރާ ކޮންމެ މަސައްކަތަކީ އެހެން މީހުންނަށް އޭގެ ސަބަބުން ފައިދާ އަދި ލުއި ފަސޭހަތަކެއް ލިބޭނެ މަސައްކަތަކަށް ހެދުމުގެ ފަލްސަފާ ސިވިލް ސާވިސްގެ އަސާސެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާގެ ޔަގީންކަން ލިބިދިނުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރެވިފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކުން ވެސް ސިވިލް ސާވިސްގައި ސާބިތުކަމާ އެކީގައި ދެމިތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނީ ހަމައެކަނި އިންތިހާބީ މަގާމެއްގައި ތިބެގެން ނޫން ކަމަށާއި ދެމިހުންނަނިވި ހިދުމަތެއް ރައްޔިތުންނަށް ކޮށްދެވޭނީ ސިވިލް ސާވިސްގެ ތެރޭގައި މަސައްކަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނުގެ ވަނީ ވިދާޅުވެފަ އެވެ.

"ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ގިނަ ޒުވާނުންތަކެއް ބޭނުންވަނީ. އެ ހިދުމަތް ކޮށްދެވެނީ ހަމައެކަނި އިންތިހާބު ކުރެވޭ މަގާމަކަށް ގޮސްގެންނެއް ނޫން. ހަގީގަތުގައި މާނަވީ ދެމިހުންނަނިވި ހިދުމަތެއް ރައްޔިތުންނަށް ކޮށްދެވޭނީ ސިވިލް ސާވިސްގެ ތެރޭގައި މަސައްކަތް ކޮށްގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ލީޑަޝިޕަކީ ހަމައެކަނި އޮފީސްތަކުގެ ވެރިންގެ ސިފައެއް ނޫން ކަމަށާއި އެއީ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަ، އަދި ކުރާ މަސައްކަތުގައި ފެންނަން ޖެހޭނެ ސިފައެއް ކަމުގައި ވިދާޅުވި އެވެ.