ޑިޖިޓަލައިޒްޑް އިގްތިސާދަކާއި އިލްމު ލިބިފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ސިވިލް ސާވިސްގެ ހަރަދުކުޑަކޮށް އިސްރާފުވުން މަދުކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބާއްވާ ދެ ވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ކިބައިން އެދޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

ސިވިލް ސާވިސްގެ ދެވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެގޮތުން، ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ އިތުރުން މަސައްކަތްތަކުގެ އަހުލާގު ހަރުދަނާކޮށް ގުޅިގެން އެއް މިސްރާބަކާހަމައަށް ދިއުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ސާވިސްގެ ހަރަދުކުޑަކޮށް އިޝްރާފުވުން މަދުކުރުމަށް މަސައްކަތްކުރަންޖެހޭކަން ގަބޫލުކުރަން ޖެހޭ. އަދި ސަރުކާރާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތްތެރިންނަށް ވުމަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވުމަށް ޓަކައި އަމަލުތަކާއި ބަސްމަގު ހަރުދަނާކުރަން ޖެހޭ ކަން ފާހަގަކުރަން،" ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

ދިވެހި ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް ސިވިލް ސާވިސް އަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް މިއަދު ފެށި ކޮންފަރެންސަކީ ސިވިލް ސާވިސް އިދާރާ ހަރުދަނާކުރުމަށް ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ.

ސިވިލް ސާވިސްގެ ދެވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެ ކޮންފަރެންސްގައި ސިވިލް ސާވިސް އަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް ކަނޑައަޅާ މައުލޫތަކެއް މައްޗަށް ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތަކުގެ އަލީގައި ކުރެވޭ މަޝްވަރާތަކަށް ފަހު ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް ހިދުމަތް ދިނުމަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެންނަނިވި ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

އެގޮތުން، މިއަދު ފެށި ކޮންފަރެންސްގައި 2014 ވަނަ އަހަރު ބޭއްވި ފުރަތަމަ ސިވިލް ސާވިސް ކޮންފަރެންސް އިން ނެރުނު ނަތީޖާގެ އަށާއި އެ ކޮންފަރެންސްގައި ހުށަހެޅުނު ކަންތައްތަކުގެ މައްޗަށް ރިޔާކުރާނެ އެވެ.

ތިން ބަޔަކަށް ބަހާލައިގެން ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ހަ މައުލޫއެއްގެ މައްޗަށް ކަރުދާސް ހުށަހަޅައި މަޝްވަރާކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޝަމީމް ވިދާޅުވި އެވެ.

ފުރަތަމަ ސިވިލް ސާވިސް ކޮންފަރެންސްގެ ތިން ދާއިރާއަކުން 10 ކަރުދާސް ހުށަހެޅި މަޝްވަރާކުރެވުނެވެ.